ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އަވަށްޓެރި ސްރީލަންކާއިން ތަންފީޒު ކުރަމުންދާ ހަރުކަށި ލޮކްޑައުންއާ ކާފިއުގެ އަމުރަށް، މާދަމާއިން ފަށައިގެން ލުއިދޭން ނިންމައިފިއެވެ.

މި ބަދަލާއެކު މެއި 26 އިން ފަށައިގެން ސްރީލަންކާގައި ކާފިއު އިއުލާންކޮށްފައި އޮންނާނި ކޮންމެ ރެއަކުވެސް 10:00 އިން ފަތިހު 04:00 ގެ ނިޔަލަށް ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް ގޮތަބާޔާ ރާޖަޕަކްސަ އާންމު ކުރެއްވި ބަޔާނުގައި ވާ ގޮތުގައި ދުވާލުގެ ވަގުތަކުގައި ކާފިއުއަށް ލުއިދިން ސަރަހައްދުތަކުގެ ތެރޭގައި، ކޮވިޑް-19ގެ ހޮޓްސްޕޮޓްގެ ގޮތުގައި ބެލި ވެރިރަށް ކޮޅުނބާ، ގަމްޕަހަ ސަރަހައްދުވެސް ހިމެނެއެވެ. މި ސަރަހައްދުތަކަކީ މާޗް 20 ވަނަ ދުވަހުން ފެށިގެން 24 ގަޑިއިރުގެ ކާފިއުގެ އަމުރު ތަންފީޒު ކުރަމުންދިޔަ ސަރަހައްދުތަކެވެ.

ސްރީލަންކާގެ އެ ޑިސްޓްރިކްޓްއިން އަނެއް ޑިސްޓްރިކްޓްއަށް ދަތުރު ކުރުމުގެ ފުރުސަތުވެސް އަންގާރަ ދުވަހުން ފަށައިގެން އޮންނާނެއެވެ. ނަމަވެސް ކޮލަމްބޯއާއި ގަމްޕަހާގައި އެ ފުރުސަތު ނެތް ކަމަށް ޚަބަރު ލިބެއެވެ.

ސްރީލަންކާގެ އޮފިޝަލުން ވިދާޅުވީ ކާފިއުގެ އަމުރަށް ލުއި ދިން ކަމުގައި ވީ ނަމަވެސް، އިޖުތިމާއީ ގައިދުރުކަމާ، ކޮވިޑް-19އިން ދުރުވުމަށް ތަންފީޒުކުރާ އެހެން ހުރިހާ ފިޔަވަޅުތަކެއް އެގޮތުގައި ތަންފީޒު ކުރަމުންދާންޖެހޭނެ ކަމަށެވެ.

ސްރީލަންކާއިން މިހާތަނަށް 1068 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 9 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.