ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން، އުމުރުން އަހަރުން ދަށުގެ 80 މިލިއަނެއްހާ ކުޑަކުދިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިވަގުތު ތިބީ، ވެކްސިންއަކުން ދިފާއު ހޯދިދާނެ ބަލިތަކެއްގެ ޝިކާރައަކަށްވުމުގެ ނުރައްކަލުގައި ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އަދި ކުޑަކުދިންނާ ބެހޭ އދގެ ޖަމިއްޔާ (ޔުނިސެފް)އިން ދީފިއެވެ.

ކޮވިޑް-19ގެ ސަބަބުން އާންމު ދިރިއުޅުމުގެ ހުރިހާ ކަމެއްހެން ހުއްޓުމަކަށް އައިސް، ވެކްސިން ޖެހުމަށް އޮތް ލުއި ފަސޭހަ ފުރުސަތުތަކަށް ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ސަބަބުން، އެތައް މިލިއަން ކުދިންނެއް މިއަދު ވަނީ، ވެކްސިންއެއްގެ އެހީގައި އެ ބަލިތަކުން ދިފާއު ހޯދިދާނެ ބަލިތަކެއް ކަމަށްވާ ޑިފްތީރިއާ، ހިމަބިހި އަދި ޕޯލިއޯ ފަދަ ބަލިތަކަށް ހުށަހެޅުމުގެ ނުރައްކަލުގައި ކަން ޑަބްލިއު.އެޗް.އޯ އާއި ޔުނިސެފްއިން ފާހަގަކުރެއެވެ.

ފަގީރު ގައުމުތަކެކޭ އެއް ފަދައިން، މުއްސަނދި ގައުމުތަކުގައިވެސް މިކަން އޮތީ މިހެން ކަން ޑަބްލިއު.އެޗް.އޯ އާއި ޔުނިސެފްއިން ފާހަގަކުރެއެވެ.

ޕޮޓީ ޓްރެއިން ކުރާ ތުއްތު ކުއްޖެއް/ފޮޓޯ: ހެލްތް ލައިން

ޑަބްލިއު.އެޗް.އޯ އާއި ޔުނިސެފްއިން މިފަދަ އިންޒާރެއް ދީފައި މިވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ގައުމުތަކެއްގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާ ގްލޯބަލް ވެކްސިން ސަމިޓްއަށް ވަގުތު ކުޑަތަންވެފައިވާ ދަނޑިވަޅެއްގައެވެ. ޖޫން 4 ވަނަ ދުވަހު އޮންނަ ސަމިޓްއަކީ ވެކްސިންގެ މަޝްރޫއުތައް ކުރިއަށް ގެންގޮސް، ދަށް ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި ބަލިމަޑުކަން ކޮންޓްރޯލް ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން އެހީގެ މަޝްވަރާތައް ކުރުމަށް ދުނިޔޭގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެއް ކަމަށް ޑަބްލިއު.އެޗް.އޯއިން ޚަބަރު ދެއެވެ.

ޑަބްލިއު.އެޗް.އޯ، ޔުނިސެފް، ގެވީ، އަދި ސެބީން ވެކްސިން އިންސްޓްޓިއުޓް ގުޅިގެން ކުރިއަށް ގެންދިޔަ ހޯދުންތަކަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 68 ގައުމެއްގައި ވެކްސިންގެ ޕްރޮގްރާމްތަކަށް ކޮވިޑް-19ގެ ހިޔަނިވަނީ އެޅިފައެވެ. މި ގައުމުތަކުގެ ޖުމުލަ އާބާދީއަށް ބަލާއިރު 1 އަހަރުން ދަށުގެ 80 މިލިއަނެއްހާ ކުދިން އެބަތިއްބެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި 1970ގެ އަހަރުތަކުގައި ފުޅާދާއިރާއެއްގައި ވެކްސިން ދިނުމުގެ މަޝްރޫއުތައް ހިންގަން ފެށިފަހުން ތާރީޚު ނުދެކޭ ދަރަޖައަކަށް، މިއަހަރުގެ މާޗް މަހުން ފެށިގެން ވަނީ ހުއްޓުން އަރާފައެވެ. މައުލޫމާތު އެއްކުރި 129 ގައުމަކަށް ބަލާއިރު 53 ގައުމެއްގައި ހިސާބެއްގެ ނުވަތަ މެދުމިންވަރަކަށް މަޝްރޫއުއަށް ހުއްޓުން އެރިއިރު، މާޗް މަހާ އޭޕްރިލް މަހާ ދެމެދު ހޭދަވި މުއްދަތުގައި ބައެއް ގައުމުތަކުގައި ވެކްސިން ދިނުމުގެ މަޝްރޫއު މުޅިން ހުއްޓާލާފައި އޮތްކަންވެސް ޑަބްލިއު.އެޗް.އޯއިން ފާހަގަކުރެއެވެ.

ތުއްތު ކުއްޖެއްގެ ފަޔަށް ވެކްސިން އިންޖެކްޓްކުރަނީ/ފޮޓޯ: ޔޫޓިއުބް

ވެކްސިން ދިނުމުގެ މަޝްރޫއުތަކަކީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ރޮނގުން ދުނިޔޭގެ ތާރީޚުގައިވެސް ހޯދުނު އެންމެ ބޮޑު ކާޟިޔާބީ ކަމަށާ، ކޮވިޑް-19ގެ ސަބަބުން މިފަދަ ކަމަކަށް ލޮޅުން އެރުމަކީ އެތައް އަހަރަކުން ހޯދުނު ބޮޑެތި ކާމިޔާބީތަކަށް ނުރައްކާ ކުރިމަތިކުރާ ކަމެއް ކަން ޑަބްލިއު.އެޗް.އޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19ގެ ސަބަބުން ވެކްސިން ދިނުމުގެ މަޝްރޫއުތަކަށް އެކި ގޮތްގޮތުން ހުރަސް އެޅެމުންދާކަން ޑަބްލިއު.އެޗް.އޯއިން ފާހަގަކުރެއެވެ. އެގޮތުން ދަރިން ގޮވައިން ގެއިން ނިކުތުމަށް މައިންބަފައިން ބިރު ގަނެ، ފަސްޖެހުމާ، ކޮވިޑް-19އާ މެދު ހޭލުންތެރިކަން ނެތުމުގެ ސަބަބުން ބިރުވެރިކަން އުފެދުމުގެ އިތުރަށް، ދަތުރުފަތުރުކޮށް އުޅުމަށް ކުރިމަތިވި ހުރަސްތަކާއެކު ސިއްހީ ހިދުމަތްތެރިންގެ އެހީތެރިކަމަށް ބުރޫއެރުން ފަދަ ކަންކަން ހިމެނޭ ކަމަށާ، ހަމަ މިއާއެކު ކޮވިޑް-19ގެ އިޖާބައަށް މެޑިކަލް ޓީމުތައް ރުކުރުވާލުމާ، ހަށިރައްކަލަށް ބޭނުންކުރާ އާލާތްތައް އެކަށީގެންވާ މިންވަރަށް ލިބެން ނެތުން ފަދަ ސަބަބުތައް މިކަމުގައި ހިމެނޭކަމަށް ޑަބްލިއު.އެޗް.އޯއިން ބުނެއެވެ.

ކުޑަކުއްޖަކަށް ވެކްސިން ޖަހަން އުޅެނީ

ކޮވިޑް-19ގެ ފެތުރުން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަމުންދާ އިޖުތިމާއީ ގައިދުރުކަން ފަދަ ފިޔަވަޅުތަކުގެ ސަބަބުން، ކޮލެރާ، ހިމަބިހި، މެނިންޖައިޓިސް، ޕޯލިއޯ، ޓެޓަނަސް، ޓައިފޮއިޑް އަދި ރީނދޫ ހުން ފަދަ ބަލިތަކުން ދިފާއުވުމަށް އާންމުކޮށް ދެމުންދިޔަ ވެކްސިންތައް ދިނުން ހުއްޓާލާފައިވާ ގައުމުތައް ގިނަކަންވެސް ޑަބްލިއު.އެޗް.އޯއިން ފާހަގަކުރެއެވެ. މީގެ ތެރެއިންވެސް ޕޯލިއޯއާއި ހިމަބިހިން ދިފާއުވުމަށް ވެކްސިން ދިނުމަށް ހިންގި މަޝްރޫއުތަކަށް ބޮޑު ލޮޅުމެއް އަރާފައިވާކަން ޑަބްލިއު.އެޗް.އޯއިން ފާހަގަކުރެއެވެ.

އެހެންކަމުން ޑަބްލިއު.އެޗް.އޯއިން ވަނީ ކޮވިޑް-19ގެ ނުރައްކާ ކުރިމަތިނުވާނެ ގޮތްތަކަށް ބަލައިގެން ވެކްސިން ދިނުމުގެ މަޝްރޫއުތައް ވީ އެންމެ ރައްކާތެރި ގޮތަކަށް، ވީ އެންމެ އަވަހަކަށް އަލުން ފަށައިގަތުމަށް ގައުމުތަކަށް ގޮވާލާފައެވެ.