ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އެ ގައުމުން ތަރައްގީ ކުރަމުންދާ 14 ވެކްސިންއެއްގެ ތެރެއިން 4 ވެކްސިންއެއްގެ ކްލިނިކަލް ޓަރަޔަލްތައް، ކުރިއަށް އޮތް 3-5 މަސްދުވަހުގެ ތެރޭގައި ފެށުމުގެ ފުރުސަތު އެބައޮތްކަމަށް އިންޑިއާގެ ޔޫނިއަން ހެލްތް މިނިސްޓަރު ހަރްޝް ވަރުދާން ވިދާޅުވެއްޖެއެވެ.

ކްލިނިކަލް ޓްރަޔަލްގެ މަރުހަލާއަކީ ވެކްސިންއެއް ބޭނުން ކުރަން ލައިންސަންސް ދޫކުރުމުގެ ކުރިން، އެއީ އިންސާނުންގެ ހަށިގަނޑުގައި ބޭނުން ކުރުމަށް ރައްކާތެރި ވެކްސިންއެއް ކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމުގެ ތަހުލީލު ކުރިއަށްދާ މަރުހަލާއެވެ.

އިންޑިއާގެ ވެރިކަން ކުރާ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ގެ ތަރުޖަމާނު ޖީވީއެލް ޖަރަސިމްހާ ރާއޯއާއިއެކު ކުރިއަށް ގެންދެވި އޮންލައިން ޗެޓް ޕްލެޓްފޯމެއްގައި ވަރުދާން ވިދާޅުވީ، ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިންއެއް ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތުގައި އިންޑިއާއިންވެސް ބައިވެރިވަމުންދާކަމަށެވެ. އެގޮތުން އެކި މަރުހަލާތަކުގައި މިހާރުވެސް 14 ވެކްސިންއެއް ތަރައްގީ ކުރަމުންދާކަމަށް ވަރުދާން ވިދާޅުވިއެވެ. މިމަސައްކަތުގައި އިންޑިއާގެ ސިނާއީ އަދި އިލްމީ ވެށީގެ ފަންނުވެރިންގެ އިތުރުން ސައެންސްގެ ވުޒާރާއިންވެސް ބައޯޓެކްނޮލޮޖީ ޑިޕާޓްމަންޓްއަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ވަރުދާން ވަނީ ފާހަގަކުރައްވާފައެވެ.

ވަރުދާން އިތުރަށް ވިދާޅުވީ ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ މާލީ އަދި އިދާރީ ގަވައިދުތަކުގެ ކްލިއަރަންސް ދޫކުރަމުންދާނެ ކަމަށެވެ.

ކުރިއަށް އޮތް 3-5 މަހާ ދެމެދު މުއްދަތެއްގެ ތެރޭގައި 4 ވެކްސިންއެއްގެ ކްލިނިކަލް ޓްރަޔަލް ފެށިދާނެ ކަމަށް އިޝާރާތް ކުރައްވަމުން ވަރުދާން ވިދާޅުވީ، ވެކްސިންއެއް އަންނާނެ ތާރީޚެއް ކަނޑައެޅިގެން ދަންނަވަން ދަތިކަމަށާ، ނަމަވެސް ޑޮކްޓަރެއްގެ ހައިސިއްޔަތުން ދަންނަވަނީނަމަ، މިކަމަށް އެންމެ އަވަސްވެގެންވެސް އަހަރެއްހާ ދުވަސް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ވެކްސިންއެއް ތަރައްގީކޮށް ކާމިޔާބު ކުރެވެންދެން އިޖުތިމާއީ ގައިދުރުކަމާ މާސްކު ބޭނުން ކުރުން ފަދަ ފިޔަވަޅުތައް ތަންފީޒު ކުރަމުންދާންޖެހޭނެ ކަންވެސް އިންޑިއާގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާގެ މަރުކަޒީ އަދި ޕްރައިވެޓް ކުންފުނިތަކުންވެސް ވެކްސިންއެއް ތަރައްގީ ކުރުމުގެ ރޭހުގައި ވާދަކުރަމުންދާއިރު، ބޮޑު ވަޒީރު ނަރޭންދްރާ މޯދީ ވަނީ މިކަމަށް ހާއްސަ ފަންޑެއްވެސް އެކުލަވާލައްވާފައެވެ.