އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާއި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކާ ގުޅޭގޮތުން ކުރަމުންދާ މަސައްކަތް ބައްލަވާ ދެއްވުން އެދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ހުށަހަޅުއްވާ ފައިވާ މައްސަލަ، ޖުޑީޝިއަރީ ކޮމިޓީއަށާއި 241 ކޮމިޓީއަށް ފޮނުވައިފިއެވެ.

މި މައްސަލަ އެ 2 ކޮމިޓީއަށް ފޮނުއްވީ މަޖިލީހުގެ ރައީސް މިހައްމަދު ނަޝީދެވެ.

ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީފެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ތަހުގީގަށް ވީގޮތް ސާފު ކުރުމަށް މުއިއްޒު މިދަނޑވަޅުގައި މައްސަލައެއް ވެއްދީ ކޮން ސަބަބަކާ ހުރެކަން ސާފުވެފައ ނުވިޔަސް އެ މައްސަލައަކީ ސިޔާސީ މައްސަލައެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށްވެސް ތުހުމަތުތައް އުފުލިފައިވާ އެމްއެމްޕީއާރުސީފެ ހިޔާނާތާ ގުޅިގެން މިވަގުތު ހުކުމެއް އައިސް ޖަލުގައި ހުންނެވީ އެ ހިޔާނާތުގައި ބައިވެރިވާކަމުގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

18 އަދި 19 ވަނަ ރައްޔިރުންމެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ސިފައިންނާއި ބައެއް ފުލުހުންގެ އިތުރުން ސިޔާސީ އެކިއެކި ފަރާތްތަކާއި، ބައެއް އާންމުން ހިމެނޭނެ ހެން ޖުމްލަ 335 ފަރާތަކަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ނަފާ ލިބިފައިވާކަމަށް ތަހުގީގު ރިޕޯޓުތަކުގައި ބުނެފައި ހުއްޓެވެ. ނަމަވެސް އެމްއެންޕިއާރުސީ ހިޔާނާތާ ގުޅިގެން ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ސީދާގޮތުން ނަފާލިބުނު މީހުންގެ އަދަދު 267 އަށް އަރާ ކަމަށެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރަކާއި މިހާރުގެ މަޖިލީހުގެ 16 މެމްބަރަކާއި މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރަކާއި ކުރީގެ ސަރުކާރުތަކުގެ އިސް މަގާމުތަކުގައި އުޅުއްވި 30 ބޭފުޅަކާއި މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅަކާއި ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ ގޮތުން ފަސް ބޭފުޅަކާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ 7 އޮފިސަރަކު ހިމެނޭ ކަމަށެވެ.

މަޖިލީހަށް މެންބަރު މުއިއްޒު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ބައިވެރިން ހޯދުމާއި މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައި ދިނުމަކީ އެމްޑީޕީ އާއި މި ސަރުކާރުގެ ވައުދެއް ކަމަށެވެ. މި ދެ މައްސަލަަ އަކީ ވެސް އާއްމު މަސްލަހަތު ހިމެނޭ ކަންކަމަށް ވިޔަސް ރައްޔިތުންނަށް މިކަމުގެ މައުލޫމާތު ހިއްސާކުރުން މަދު ކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.

މުއިއްޒު އެދިވަޑައިގަންފައިވަނީ އެ މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބާއި އެ މައްސަލަތައް ބެލުމާއި ދައުވާ އުފުލުމާއި ޝަރީއަތް ހިންގަން ލަސްވާ ސަބަބުތައް އޮޅުންފިލުވައި ދީ، ނުފޫޒެއް ނެތި އިތުބާރު ހިފޭ ނިޒާމެއްގެ ތެރެއިން ނަތީޖާ ނެރެވޭނެ ގޮތަކަށް އަމަލުކުރޭތޯ ޔަގީން ކޮށްދޭން މަޖިލީހުން އެކަން ބަލައި ދިނުމަށެވެ.