ހުޅުމާލޭގައި ބިދޭސީން ތިބޭ ކަރަންޓީނު ފެސިލިޓީން ފުލުހުންނާ ދިމާލަށް ގޮނޑިއާ އެއްޗެހި އުކައިފި ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގައި ފުލުހުން ބުނީ ހުޅުމާލޭ އަމީނީ ހިޔާގައި ބިދޭސީން ތިބޭ ކަރަންޓީނު ފެސިލިޓީގައި ހަމަ ނުޖެހުމެއް ހިނގައި އެތާނގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނާ ދިމާއަށް ގޮނޑިއާއި ތަކެތި އުކާފައި ވާކަމަށެވެ. ސޯޝަލްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުން، ގޮނޑިއާއި އެބާވަތުގެ ގިނަ ތަކެތި އެ ކަރަންޓީނު ފެސިލިޓީގެ ގޭޓު މަތިންނާއި ބިއްގަނޑު މަތިން ބޭރަށް އުކައެެވ. އަދި އޭރު އެ ފެސިލިޓީގެ ގޭޓުވެސް ހުރީ ހުޅުވިފައެވެ.

އާންމުވެފައިވާ ވީޑިއޯގައި ގޭޓު ކައިރީގައި ފުލުހަކު ހުއްޓާ ފެނިފައެއް ނުވެއެެވެ. ނަމަވެސް "ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން އެމީހުން ވަނީ ސެކިއުރިޓީ ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކޮށްފައެވެ. ނަމަވެސް މިވާހަކަ ފުލުހުންގެ މީޑިއާއިން ނުބުނެއެވެ.

https://web.facebook.com/mrmohamed7/posts/10158503409247783

މިކަމާ ގުޅިގެން ފުލުހުން ބުނީ އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށާއި، އަދި މީހަކު ހައްޔަރުވެސް ނުކުރާ ކަމަށެވެ.

ހުޅުމާލޭ ކަރަންޓީނު ފެސިލިޓީއެއްގައި މިފަދަ ހަމަނުޖެހުމެއް ހިނގާފައި ވާއިރު މިފަހުން ވަނީ ކޮވިޑް ޖެހި ޕޮޒިޓިވް ވި 7 ބިދޭސީއަކު ކަރަންޓީނު ފެސިލިޓީއަކުން ފިލާވެސް ފައެވެ. ފުލުހުން ކުރި މަސައްކަތުން 6 މީހަކު ފެނިފައިވާ އިރު އަދިވެސް އެކަކު ނުފެނެއެވެ. މި 7 މީހުންނާ ބެހޭ ގޮތުން މައުލޫމާތު ހާމަ ކުރަމުން އެންއީއޯސީން ބުނެފައިވަނި ފިލި މީހުންގެ ތެރެއިން އެކަކު ފެނުނީ ހުޅުމާލޭ ހޮސްޕިޓަލުގައި އޮއްވާ ކަމަށެވެ. ދެނަވަ މީހަކު ވިލިމާލެއަށް ގޮސްފައި ވާއިރު ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނުފެނި އުޅޭ މީހާގެ ވަނަވަރު ހާމަ ކުރާކަށް އަދި ނުނިންމައެވެ.

ފިލައިގެން ނުފެނި އުޅޭ މީހާއާ ގުޅޭ ގޮތުން އެންއީއޯސީގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ މޫސާ މުރާދު ވިދާޅުވީ، ފިލި މީހާ ނޫނަސް ކޮވިޑަށް ޕޮޒިޓިވް މީހުން މުޖުތަމައުގައި އުޅޭނެ ކަމަށާއި ފިލި މީހާއަކީ ވަކި ހާއްސަ ނުރައްކަލެއް ނޫން ކަމަށެވެ.

ޑރ މުރާދުގެ މިވާހަކައާ ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާއައި ސަރުކާރަށް ފާޑު ކިޔާފައެވެ.