ރާއްޖޭގެ މޫސުން މިދުވަސްވަރު ގޯސްވެފައި ވާއިރު އައްޑުއާއި ފުވައްމުލަކަށް މޫސް ގޯސްވާނެ ކަމަށް ލަފާކޮށް ލެޔޯ އެލާޓް ނެރެފިއެވެ.

މިއަދު އިރުއޮއްސި ހަޔަކުން މިރޭ ނުވަގަޑި ސުންމިނެޓާ ހަމައަށް ނެރެފައިވާ އެ އެލާޓު ބުނާ ގޮތުން، ގަޑިއަކު 50 މޭލަށް ވައިގަދަވާނެއެވެ. އަދި ބޯކޮށް ވާރޭވެހި ގުގުރާނެއެވެ.

މިދުވަސް ވަރަކީ ރާއްޖޭގެ މޫސުން ގޯސް ދުވަސްވަރެެވެ. ނިމިދިޔަ ހަފްތާގައި އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވެ، ކުރި ވިއްސާރައިގައި ބައެއް ރަށްރަށުގައި ރުއްގަސް ވެއްޓި، ބައެއް މުދަލާ ގެދޮރަށް ގެއްލުން ލިބުނެވެ. އަދި މާލެއަށް ކުރި ވިއްސާރައިގައި ބޮޑެތި ބައެއް ގަސްތައް ވެއްޓި، ބައެއް އިމާރާތްތަކުގެ ފުރާޅަށް ގެއްލުން ވެފައިވެއެވެ.

މީގެ އިތުރުން ކ. ކާށިދޫން ފުރައިގެން މާލެ ވަންނަން އައި ދޯންޏެއް އިންޖީނު ހުއްޓި މާލެ ވެސްޓްޕާކް ސަރަހައްދުގެ ތޮށިގަނޑަށް އަރާ ފުނޑުފުނޑުވި ހާދިސާއެއްވެސް ވަނީ ހިނގާފައެވެ.

ރާއްޖޭގެ މޫސުން ގޯސްކޮށް ފެންނައިރު، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.