ޕޮޒިޓިވްވެފައި ވަނިކޮށް ފިލި ބިދޭސީއަކު އަދިވެސް ނުފެންނަ ކަމަށް ނެޝަނަލް އެމަޖެންސީ އެޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްވަމުން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ފިލި މީހުންގެ ތެރެއިން އަދިވެސް އެކަކު ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރު އާންމުކޮށްފައެއް ވެސް ނުވެއެވެ. އޭނާ ގެއްލިގެން އިއުލާން ކޮށްފައި ވަނީ މި މަހު 13 ވަނަ ދުވަހެވެ.

ފިލައިގެން އުޅޭ މީހާގެ ވަނަވަރު ހާމަ ކުރުމާ ގުޅޭ ގޮތުން މަބްރޫކް ވިދާޅުވީ، މިކަމުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު އަދިވެސް ދެކެވަޑައިގަންނަވަނީ އޭނާ ހޯދުމުގެ ކަންކަން ކުރަން ވާނީ ފުލުހުން ކަމަށެވެ.

މިރޭގެ ނޫށްވެރިގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މޫސާ މުރާދު ވިދާޅުވީމ އޭނާ ފިލައިގެން އުޅޭތާ 10 ދުވަސްވެފައިވާއިރު، އޭނާގެ ސަބަބުން އިތުރު ރިސްކެއް ނެތް ކަމަށެވެ. ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން ފާހަގަ ކުރައްވާ ޑރ. މުރާދު ވިދާޅުވީ މުޖުތަމައުގައި ޕޮޒިޓިވް ވެފައިވާ އެތައް ބަޔަކު އެބަ އުޅޭ ކަމަށާއި، ހަމައެކަނި ފިލައިގެން އުޅޭ މީހާ މުޖުތަމައުގެ ތެރޭގައި އުޅުމަކުން ރިސްކު އިތުރަށް ބޮޑު ވެފެން ނުދާ ކަމަށެވެ.

ޖުމްލަ ހަތް މީހަކު ފިލައިގެން ހޯދުމުގެ މަސައްކަތް ފުލުހުން ކޮށްފައިވާއިރު، އެމީހުންގެ ތެރެއިން ހަ މީހަކު ފުލުހުން ވަނީ ހޯދާފައެވެ. އޭގެ ތެރެއިން އެކަކު، ހޯދަމުން ދަނިކޮށް، އޭނާ އޮތީ ޓްރީޓޮޕް ހޮސްޕިޓަލްގައި ވެންޓިލޭޓަރުގައި ކަން ވަނީ އެނގިފައެވެ.

ސައިޓްތަކާއި ރެންޑަމްކޮށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ހަތް މީހެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައި ވި ނަމަވެސް އެމީހުން ދިން ނަންބަރުތަކަށް ނުގުޅުމުން ފުލުހުންނަށް އެ މައުލޫމާތު ހިއްސާކޮށް އެ މީހުން ހޯދުމުގެ މަސައްކަތް ފެށިކަން ހާމަކުރީ މިމަހުގެ 13 ވަނަ ދުވަހެވެ.

ހޯދަމުންދާ މީހުން ފުލުހުން ކުރަމުން ދާ މަސައްކަތުން ނުފެނިއްޖެ ނަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕްބަލިކް ހެލްތަށް ލިބިވަޑައިގެންފައިވާ ބާރުގެ ބޭނުން ކުރައްވައިގެން ވަނަވަރު ހާމަކުރައްވާނެ ކަމަށް އެޗްޕީއޭން ބުނެއެވެ. އެޗްޕީއޭން މިރޭ ބުނީ ވަނަވަރު އާންމު ކުރާނީ އެ މީހާ ނުފެނުނު ކަމަށް ފުލުުހުން ޑިރެކްޓަރު ޖެނެރަލް އޮފް ޕްބަލިކް ހެލްތަށް އެންގުމުން ކަމަށެވެ.