ކޮވިޑް-19 އާ ގުޅިގެން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 69 ފަރާތަަކަށް މިހާރު އެލަވަންސް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަަމުން އަމީރު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ހަމަަޖައްސާފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތެރެއިން އިންކަމް ސަޕޯޓް އެލެވަންސްގެ ގޮތުގައި 5000 ރުފިޔާގެ މަގުން މިހާތަނަށް 69 ފަރާތަކަށް އެލަވަންސް ދެވިފައިވާ ކަަމަށެވެ. އެގޮތުން މިހާތަނަށް ޖުމްލަ 290،131 ރުފިޔާ ދެވިފައިވާ ކަމަށް އަމިރު ވިދާޅުވިއެވެ.

އިންކަމް ސަޕޯޓް އެލަވެންސް އަކީ ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކުގެ އާމްދަނީ އަށް ކޮވިޑް19 ގެ ސަބަބުން އައިސްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން އެ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ސަރުކާރުން ދިނުމަށް ހަމަޖައްސާފައިވާ އެލަވެންސެކެވެ.

މި އެލަވަންސް ދޭނީ މާޗް 1، 2020 ގެ ފަހުން، ކޮވިޑް19 ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ފަރާތްތަކަށާއި މުސާރަ ނުލިބޭގޮތަށް ނޯޕޭ ލީވް އަށް ފޮނުވާލާފައިވާ ފަރާތްތަކަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބަޔެއް އުނިކޮށްފައިވާ ފަރާތްތަކަށެވެ.

މި އުސޫލުގެ ދަށުން އެލަވެންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް މަހާއި، މޭ މަހާއި އަދި ޖޫން މަހަށެވެ.

މި އެލަވެންސް ދޭނީ ރާއްޖޭގައި މަސައްކަތްކުރާ، ދިވެހިންނަށެވެ. އަދި އެއީ، މާޗު އެކަކާއި ހަމައަށް ވަޒީފާގައި ދެމިހުރި އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކަށް ވާން ޖެހޭނެއެވެ.