ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ގާއިމް ކޮށްފައިވާ ކ. ވިލިވަރު ކަރަންޓީން ފެސިލިޓީގައި ތިބޭ ބަލި މީހުން ފެންވެރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ތަނަކީ އެކަކު އަނެކަކަށް ނުފެންނާނެ ގޮތަށް އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށް ކޮންމެ ފަރުދަކަށް ވެސް އަމިއްލަ މިނިވަންކަމާއެކު ފެންވެރޭނެ ގޮތަށް ފަރުމާކުރެވިފައިވާ ތަނަކަށް ބަދަލުކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެޗްއާރްސީއެމުން މި ހުށަހެޅުން ހުށަހަޅާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު ކޮވިޑް-19 އާ ގުޅިގެން ކ. ވިލިވަރު ކަރަންޓީން ފެސިލިޓީގައި މީހުން އެކަހެރި ކުރުމަށް ތައްޔާރު ކޮށްފައިވާ މަރުކަޒުގެ ހާލަތު ބެލުމަށް އެ ކޮމިޝަނުން ކުރި ޒިޔާރަތަށް ތައްޔާރު ކޮށްފައިވާ ރިޕޯޓުގައެވެ.
އެ ރިޕޯޓުގައި ބަޔާން ކޮށްފައިވާ ގޮތުގައި ވިލިވަރުގައި ފެސިލިޓީއަކީ 218 މީހުންގެ ޖާގައިގެ މަރުކަޒެއް ކަމަށާއި މީހުން ބޭތިއްބުމަށް ހަމަޖެހިފައި ވަނީ ތިން ޓެންޓެއްގައި ކަމަށް ބުނެއެވެ. އެ ގޮތުން ފުރަތަމަ ޓެންޓުގައި 90 މީހުން، ދެވަނަ ޓެންޓުގައި 96 މީހުން އަދި ތިންވަން ޓެންޓުގައި 36 މީހުންނަށް ތިބެވޭނެ ކަމަށް އެ ރިޕޯޓުގައި ވެއެވެ. ޓެންޓު ހަދާފައި ވަނީ ސަތަރިން ކަމަށާއި ވައި ގަދަވުމުން ސަތަރީގައި ވައި އެޅޭ އަޑު ޓެންޓު ތެރެއަށް އިވޭނެ ކަމަށާއި ވެންޓިލޭޝަން އާއި ލައިޓިން އަދި ފިނި ކުރަން އޭސީ އެ ޓެންޓުގައި ހުރިކަމަށް އެ ރިޕޯޓުގައި ބުނެއެވެ.
ބަލި މީހުން ބޭނުން ކުރުމަށް ދެ ފާހާނާ ބަރިއެއް އެ ޓެންޓުގެ ފަހަތުގައި ހުރިކަމަށް އެ ރިޕޯޓުގައި ބަޔާން ކޮށްފައި ވާއިރު ފާހާނާއަށް ދާ މަގު އޮތީ ހިޔާނުކޮށް ކަމަށް ފާހަގަ ކޮށްފައި ވެއެވެ. ދެ ފާހާނާ ބަރީގައި ފެންވަރަށް ޖުމްލަ 29 ތަން ހުރެއެވެ. އެއީ ފުރަތަމަ ފާހާނާ ބަރީގައި 14 ތަން އަދި ދެވަނަ ފާހާނާ ބަރީގައި 15 ތަނެވެ. ފެންވެރުމަށް ޝަވަރު ހަރުކޮށްފައި ވާ އެ ތަނުގައި އެކަކު އަނެކަކަށް އެއްވެސް ހުރަހެއް ނެތި ގާތްގާތުގައި ފެންވަރަން ތިބެންޖެހޭ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.
އެޗްއާރްސީއެމުން ވިލިރަށް ޒިޔާރަތް ކުރުމަށްފަހު ތައްޔާރުކުރި ރިޕޯޓުގައި ގިނަ ކަންކަން އިސްލާހު ކުރަން ވަނި ހުށަހަޅާފައެވެ. އަދި އެ އިސްލާހުތަކަކީ މިނިސްޓްރީ އޮފް ޑިފެންސް އަދި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް އެ ރިޕޯޓު ހިއްސާކުރުމުން، ވިލިވަރު ފެސިލިޓީގައި މީހުން ބައިތިއްބަން ފެށުމުގެ ކުރިން އިސްލާހު ކުރަން ހުށަހަޅާފައިވާ ކަންކަން ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.
އެ ރިޕޯޓުގައި އިސްލާހު ކުރަން ހުށަހަޅާފައިވާ ކަންތައްތަކަކީ:
- މަރުކަޒުގެ ވޯޑުތަކާއި އެހެނިހެން އޭރިއާތަކުގެ ހިރަފުސް ފޮޅާ ސާފުކުރުން.
- މަރުކަޒުގައި ތިބ ފަރާތްތައް ފެންވެރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ތަނަކީ އެކަކު އަނެކަކަށް ނުފެންނާނެ ގޮތަށް އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށް ކޮންމެ ފަރުދަކަށް ވެސް އަމިއްލަ މިނިވަންކަމާއެކު ފެންވެރޭނެ ގޮތަށް ފަރުމާކުރެވިފައިވާ ތަނަކަށް ބަދަލުކުރުން.
- މަރުކަޒުގައި ތިބޭ ފަރާތްތައް ވާރެޔާ ނުތެމި ފާހާނާއާ ހަމައަށް ދެވޭނެ އިންތިޒާމެއް ގާއިމުކުރުން.
- މަރުކަޒުގައި ހުރި ކުނިތައް ނައްތާލައި މަރުކަޒުގައި އިތުރަށް އުފެދޭ ކުނި ނައްތާލުމުގެ އިންތިޒާމު ހަމަޖެއްސުން.
- ތަނުގެ ކޮމްޕައުންޑްގައި އަދި ރަށުގައި މަދިރިއާއި އެހެނިހެން ސޫފާސޫފި ކޮންޓްރޯލް ކުރުމުގެ އިތުރު އިންތިޒާމުތައް ހަމަޖެއްސުން.
- މަރުކަޒުގައި ހުރި ބަދިގޭގެ ޖާގައަށް އެކަށީގެންވާ ބަދަލެއް ގެނެސް، ބަލި މީހުންނަށް އެކަށީގެންވާ މިންވަރަށް ގަޑިން ގަޑިއަށް ކެއުމާއި ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސައި ބަދިގެ ސާފުތާހިރުކުރުން.
- މި މަރުކަޒުގެ ބަދިގޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފާހާނާއިން ފެންވެރާނެ ފަސޭހަ ނިޒާމެއް ގާއިމުކޮށްދިނުން.
- ގަދަވަޔާއި ވިއްސާރައިން ސަލާމަތްވެވޭނެ ނިޒާމަކަށް، ބިނާކޮށްފައިވާ ޓެންޓުތައް ހަރުދަނާކުރުން.
- މަރުކަޒުގެ ޖުމުލަ ކެޕޭސިޓީއަކީ 218 ކަމަށް ވީހިނދު، ޒިޔާރަތްކުރި ވަގުތުވެސް ޖުމުލަ 222 އެނދު މަރުކަޒުގައި ހުރިކަން ފާހަގަކުރެވިފައިވާތީ، ދުނިޔޭގައި މި ބައްޔާ ގުޅޭ ގޮތުންނާއި މިފަދަ މަރުކަޒުތަކާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ފާހާނާކުރުމާއި ފެންވެރުމަށް އިތުރު ތަންތަން ގާއިމުކުރުން.
- މަރުކަޒުގައި ބައިތިއްބާ ބަލިމީހުންނަށް ސައިކޯ-ސޯޝަލް ސަޕޯޓު ދޭނެ އިންތިޒާމާއި ޖިސްމާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް މަގުފައިކޮށްދޭނެ ހަރަކާތްތައް ހަމަޖެއްސުން.
- މަރުކަޒުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އެކަމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް މަރުކަޒަށް ހޯދުން.
އެޗްއާރްސީއެމުން ވިލިވަރަށް ކުރި ޒިޔާރަތުގައި މައުލޫމާތު އެއްކޮށްފައި ވަނީ ސެންޓަރުގެ ތަންތަން ބަލައިގެންނާއި، ސެންޓަރު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން ފޯރުކޮށްދީފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.
މީގެ ކުރިން ވިލިވަރު ކަރަންޓީ ފެސިލިޓީއަށް ގެންދިޔަ ބިދޭސީންތަކެއް ބޭތިއްބީ އިންސާނުން ބައިތިއްބަން ހެޔޮވާވަރުގެ ތަނެއްގައި ނުންކަމަށް ބުނެ އެކަމަށް ސަރުކާރުން ވަނީ މައާފަށް އެދިފައެވެ. އަދި އެތަނުގައި ތިބި މީހުން އެހެން ފެސިލިތިއަކަށް ބަދަލު ކުރުމަށްފަހު ވިލިވަރުގައި އާ ފެސިލިޓީއެއް މިހާރު ވަނީ ގާއިމްކޮށްފައެވެ.
ކ. ވިލިވަރުގައި ގާއިމުކޮށްފައިވާ މި މަރުކަޒަކީ ކަރަންޓީނު ނުވަތަ ކޮވިޑަށް ޕޮޒިޓިވްވާ ބިދޭސީ ފަރާތްތައް މުޖުތަމައާ އެކަހެރި ކުރުމަށް ހާއްސަ ކުރެވިފައިވާ މަރުކަޒެކެވެ.