ދިވެހި ސިފައިންނަކީ ގައުމަށް ދިމާވާ ކޮންމެ ބޮޑު ކާރިސާއެއްގައި އެންމެ ކައިރިން މަސައްކަތް ކުރާ އެއް ބަޔަކަށް ވާއިރު ކޮވިޑް-19ގެ މި ދަނޑިވަޅުގައިވެސް ސިފައިން ދަނީ ރައްޔިތުންނަށްޓަކައި އަތްވަކަށް ވާރެއަކަށް ބެލުމެއްނެތި، ގަދަ ވަޔާއި ވިއްސާރައިގައިވެސް ހިދުމަތަށް ކުރަމުންނެވެ.

ރޭ އެމްއެންޑީއެފްގެ ޓްވިޓާ އެކައުންޓަގައި އާންމުކުރި ވީޑިއޯއެއްގައި ފެންނަ ގޮތުން ހުޅަނގު މޫސުމުގައި ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ޖެހެމުން ދިޔަ ބާރުވަޔާ އެކު ނަގަމުންދިޔަ ބިޔަ ރާޅުތަކުގެ ތެރެއިއިން ސިފައިން ކުރަމުން ދިޔަ ހިތްވަރު ގަދަ މަސައްކަތް ފެނިގެން ދެއެވެ.

އެ ވީޑިއޯގައި ފެންނަނީ އެމްއެންޑީއެފްގެ ނޮދާން ކޯސްޓްގާޑުގެ ސިފައިން ޅ. ފުށިފަރުގައި ކަރަންޓީން ފެސިލިޓީއަށް ބޭނުންވާ ކޮވިޑް-19ގެ ޓެސްޓް ކިޓްތަކެއް އެރަށަށް ފޯރުކޮށް ދިނުމަށްޓަކައި ސިފައިން ކުރި ހިތްވަރުގަދަ މަސައްކަތެވެ.

ކޮވިޑް-19 ރާއްޖެ އަށް ފެތުރި ފައިވާ މި ދަނޑިވަޅުގައިވެސް ސިއްހީ ހިދުމަތްތެރިންގެ އިތުރުން އެންމެ ބޮޑު ރޯލެއް އަދާކުރާ ބަޔަކީ ދިވެހި ސިފައިންނާއި ފިލުހުންނެވެ. އޭގެ ތެރެއިންވެސް ފާހަގަ ކޮށްލެވެނީ ސިފައިން ގައުމަށާއި ރައްޔިތުންނަށްޓަކައި ވަމުންދާ ގުރުބާނީއެވެ.

ކޮވިޑަށް ޕޮޒިޓިވްވި ސިފައިންގެ އަދަދު 40 އިން މައްޗަށް އަރާފައި ވާއިރު، ބައްޔާ ހަނގުރާމަ ކުރުމަށް ފަހު ރަނގަޅުވެ އެނބުރި ނިކުންނަނީ ގައުމީ ހިދުމަތަށެވެ. ކޮވިޑް-19 އިން ރައްޔިތުން ސަލާމަތް ކުރުމުގައި އެންމެ ފަހު މީހާއާ ހަމައަށް ވެސް ދިވެހި ސިފައިން މަސައްކަތް ކުރާނެ ކަމަށް ބުނެފައި ވާއިރު ވަމުން އެދާ ގުރުބާނީއަށް ޝުކުރު ހައްގެވެ.