ކޮވިޑާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެންދިޔަ ރަށްރަށުގެ ތެރެއިން މޮނިޓަރިން ވީއްލައި 28 ދުވަސް ނުވާނަމަ މިސްކިތުގައި ޖަމާއަތް ހަދައިގެން ނަމާދު ނުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން، އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް ވިދާޅުވީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭން) ކަނޑައަޅާފައިވާ އުސޫލުގައި ބުނާ ގޮތުން މޮނިޓަރިންއަށް ފަހު 28 ދުވަސް ނުވާނަމަ ޖަމާއަތިގައި ނަމާދު ނުކުރެވޭނެ ކަމަށެވެ.

އެ މިނިސްޓްރީން މިއަދު ވަނީ ޖަމާއަތުގައި ނަމާދު ކުރުމަށް ބައެއް ރަށްރަށުގެ މިސްކިތްތައް ހުޅުވާލާފައެެވެ. އެއީ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށް ކަމަށް ރޭ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވިއެވެ. ނަމަވެސް އެކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނީ "ރާއްޖޭގައި ފުރަބަންދުގެ ހާލަތުގައި ހުރި ރަށްރަށާއި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށާއި އެރަށެއްގައި މީހަކު ކަރަންޓީނު ކޮށްފައިވާ ރަށްތައް ފިޔަވައި އެހެން ރަށްތަކުގެ މިސްކިތްތައް ޖަމާއަތުގައި ނަމާދު ކުރަން ހުޅުލާލާ" ކަމަށެވެ.

މިނިސްޓްރީން ނެރުނު މިސާކިއުލާއާ އެޗްޕީއޭގެ އެންގުމާ ފުށޫއެރުންތަކެއް ހުރެގެން އެކަން ރަނގަޅު ކުރަމުން އެބަދެއެވެ.

ރޭ މިނިސްޓަރު އެކަން އިއުލާން ކުރެއްވުމާއެކުމިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ޖަމާއަތުގައި ނަމާދު ކުރުން ހުޅުވާލި ނަމަވެސް ނަމާދަށް ދާ މީހުން ސަމާލުކަން ދޭން ޖެހޭނެ ކަންތަށްތަކެއް ފާހަގަ ކޮށްފައެވެ.

އެގޮތުން ފާހަގަ ކޮށްފައިވާ ކަންކަމަކީ:

  • ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން.
  • ދުވަސްވީ މީހުން މިސްކިތަށް ނުދިއުން.
  • މިސްކިތުގައި ގިނަ ވަގުތު ހޭދަ ނުކުރުން.
  • މުސައްލައެއް ހިފައިގެން މިސްކިތަށް ދިއުން.
  • ރޯގާގެ އަލާމާތްތައް ހުންނަ މީހުން މިސްކިތަށް ނުދިއުން.
  • މިސްކިތަށް ދާއިރު މާސްކް އެޅުން
  • އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުން
  • ސަލާމް ކުރުން ފަދަ ކަންކަމުން ދުރުވުން
  • ޖަމާއަތުގައި ސަފު ހަދާނަމަ ގައިދުރުކަން ނުބެހެއްޓުން

ޖަމާއަތުގައި ނަމާދު ކުރުން ހުޅުވާލި ނަމަވެސް ކައުންސިލްތަކުން ސަމާލުކަން ދޭން ޖެހޭނެ ކަންތަށްތަކެއްވެސް ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން ފާހަގަ ކޮށްފައިވާ ކަންކަމަކީ:

  • މިސްކިތުގައި ކާޕެޓް އަޅާފައި ނުބޭއްވުން.
  • ކޮންމެ ނަމާދަކަށްފަހު މިސްކިތުގައި މޮޕްލާ ސާފްކުރުން
  • މިސްކިތުގައި ސައިބޯނިލައިގެން އަތް ދޮވެވޭނެ ގޮތެއް ހަމަޖެއްސުން
  • ކޮންމެހެން ބޭނުން ކުރަން ޖެހިއްޖެ ނަމަ ނޫނީ އެއާކޯން ބޭނުން ނުކުރުން، ކުރާ ނަމަ ދޭތެރެއަކުން ކުޑަދޮރުތަށް ހުޅުވުން

ކޮވިޑް ނެތް ރަށްރަށުގެ މިސްކިތްތަކުގައި މިއަދުގެ ހުކުރު ނަމާދުން ފެށިގެން، ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދޭނެކަން އިސްލާމިކް މިނިސްޓްރީއިން ރޭ އިއުލާން ކޮށްފައި ވާއިރު، 25 ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުން އަދި މަނާވާނެކަން އަންގައި އެ މިނިސްޓްރީއިން ރޭ ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ މޮނިޓަރިންގެ ހާލަތާއި މީހުން ކަރަންޓީނު ކޮށްފައި ތިބުމުގެ ސަބަބުން ޖަމާއަތުގައި ނަމާދު ނުކުރެވޭނެ ކަމަށެވެ.

ޖަމާއަތުގައި ނަމާދުކުރަން ހުއްދަ ނުދޭ 25 ރަށަކީ ހއ. ތަކަންދޫ، ހއ. އުލިގަމް، ހއ. ދިއްދޫ، ހއ. އުތީމު، ހދ. ކުޅުދުއްފުށި، ހދ. ކުމުންދޫ، ހދ. ހިރިމަރަދޫ، ށ. ނަރުދޫ، ށ. ފީވަށް، ށ. މާއުނގޫދޫ، ށ. މިލަންދޫ، ށ. ފުނަދޫ، ށ. ޅައިމަގު، ށ. ގޮއިދޫ، ނ. މަނަދޫ، ނ. ހޮޅުދޫ، ނ. ހެނބަދޫ، ނ. މާފަރު، ނ. ވެލިދޫ، ނ. ކެނދިކުޅުދޫ، ނ. މިލަދޫ، ކ. ތުލުސްދޫ، ހިންމަފުށި، ބ. ކެންދޫ، ކ. މާފުށި އެވެ.

ކޮވިޑާ ގުޅިިގެން އެޗްޕީއޭއިން މިވަގުތު މޮނިޓާ ކުރަމުން ދަނީ 6 ރަށެކެވެ. އެއީ ހއ. އުލިގަމާއި އެއަތޮޅު ތަަކަންދޫ އާއި ށ. ނަރުދުއާއި އެ އަތޮޅު މިލަންދު އާއި ނ. މަނަދޫގެ އިތުރުން މާލެ އަތޮޅު ތުލުސްދޫއެވެ.