ލޮކްޑައުނަށް ލުއިދިނުމަކީ ބަލި ކޮންޓްރޯލް ވުން ނޫން ކަމަށާއި އެކަމަށް ސަމާލުވުމަށް އައިޖީއެމް ހޮސްޕިޓަލުގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު ޑރ. މޫސާ މުރާދު އިލްތިމާސް ކުރައްވައިފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވިމުގައި ޑރ. މުރާދު ވިދާޅުވީ ލޮކްޑައުން އަށް ލުއިތައް ދެނީ ބަލި މުޅިން ރަނގަޅުވެގެން ނޫން ކަމަށާއި ފަހަރެއްގައި ވެސް އެކަން އެގޮތަށް ނުވިސްނުމަށެވެ.

ނަމަވެސް ލޮކްޑައުންގައި އަބަދު ނުތިބެވޭނެ ކަން ގަބޫލުކުރަައްވާ ކަމަށާއި ފުރަތަމަ ލުއިތަކެއް ދިނުމުން ދެން އެ ލުއިތައް ދޭ މުއްދަތުގައި އަނެއްކާ ވެސް އެކަން ރިވިއު ކުރައްވާނެ ކަމަށް ޑރ މިރާދް ވިދާޅުވިއެވެ.

އެހެން ކަމުން، ދިރިއުޅުން އާންމު ހާލަތަކަށް ގެންނަން ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ލިބިގެން ނޫނީ ކާމިޔާބު ނުކުރެވޭނެ ކަމަށާއި ޕޮޒިޓިވް ވާ އަދަދުތައް ކޮންޓްރޯލް އަދަދެއްގައި ބެހެއްޓުމަށް ސަމާލުކަން ދޭން ޖެހޭ ކަަމަށެވެ.

މީގެ އިތުރުން ޑރ މުރާދު ވަނީ ސްކޫލުތައް ހުޅުވާލުމާއި އޮފީސްތައް ހުޅުވުމަށް ވެސް އިރުޝާދުތަކެއް ދެއްވާ، މިސްކިތްތަަކަށް ދާއިރު ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އުޅުމަށާއި ބަލީގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މަދުވުން އެއީ މިކަމުގައި މުހިންމު ކަމެއް ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި މިހާރު އޮތް ލޮކްޑައުންގެ މުއްދަތު މިމަހުގެ 28 އަށް ހަމަވާނެއެވެ. އެއާއެކު މަރުހަލާތަކަކަށް ބަހާލައިގެން ލޮކްޑައުންއަށް ލުއިތަކެއް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވަނީ ވިދާޅުވެފައެވެ.

އެގޮތުން ގެއިން ނުކުތުމާއި، ވިޔަފާރި ކުރުމަށް ފިހާރަތަކަށް ދިއުމާއި މިސްކިތްތަކަށް ނަމާދަށް ދިއުމުގެ އިތުރުން ސައި ހޮޓާ ރެސްޓޯރަންޓް ތަކާއި ސްކޫލުތަކާއި އޮފީސްތައްވެސް ހުޅުއްވާ ލައްވާނެ ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ކަމެއްވެސް ކުރައްވާނީ މަރުހަލާތަކަކަށް ބައްސަވާލައްވައިގެން ކަމަށެވެ.

ރައީސް ވިދާޅުވީ، މިއިން ކޮންމެ ކަމަކަށްވެސް ލުއިތަކެއް ދެއްވާނީ ވަކިވަކި އިންތިޒާމްތަކެއްގެ ދަށުން ކަމަށާއި، އެ ލުއިތަކާ ގުޅޭ ތަފްސީލު ކުރިއަށް އޮތް ތަނުގައި ސަރުކާރުން ދެމުން ގެންދާނެ ކަމަށެވެ.