ކޮވިޑް-19 އާ ގުޅިގެން ރާއްޖޭއަށް ގެންނަން ބުނެފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން 129 ވެންޓިލޭޓަރު ލިބިފައިވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ދުބާއީން ގެންނަން ހަމަޖެހިފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އެއާ އެކު މިހާރު ރާއްޖޭގައި ޖުމްލަ 129 ވެންޓިލޭޓަރު އެބަހުރި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ ވެންޓިލޭޓަރުތަކުގެ އިތުރުން އައިސީޔޫ އަދި އައިސޮލޭޝަން ފެސިލިޓީތަކަށް ބޭނުންވާ ހުރިހާ އެނދެއް ވެސް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ތަންތަނުގައި ހުރި ޕީޕީއީ ސްޓޮކް އިތުރު ކުރުމުގެ މަސައްކަތް ވެސް ހެލްތް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

މިއަދު ގެނައި 10 ވެންޓިލޭޓަރަކީ ސަރުކާރުން މެޑްޓެކާ އެއްބަސްވެ ގެނައުމަށް ހަމަޖައްސާފައިވާ ވެންޓިލޭޓަރެވެ. މިއީ މެޑްޓެކް ކުންފުނިން ރާއްޖެ އަށް ގެންނަން އެއްބަަސްވެފައިވާ ވެންޓިލޭޓަރު ގެނައި ދެވެނަ ފަހަރެވެ. މީގެ ކުރިންވެސް އެ ކުންފުނިން ވަނީ 18 ވެންޓިލޭޓަރު މި މަހުގެ ކުރީކޮޅު ރާއްޖެ ގެނަސްފައެވެ. މެޑިޓެކާއި ހަވާލުކޮށްފައިވަނީ 50 ވެންޓިލޭޓަރު ގެނައުމަށް، 34 މިލިއަން ރުފިޔާއަށެވެ.