ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ތައުލީމްދޭ ތަންތަން ބަންދުކޮށްފަިއވާ މި ދަނޑިވަޅުގައި އޮންލައިންކޮށް ކިޔަވައިދެމުންދާ އިރު، އޮންލައިންކޮށް ކިޔަވައި ދިނުމަށް ގައުމީ ސްޓޭންޑަޑެއް ކަނޑައަޅަންޖެހޭ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީ ގެ ކޮވިޑް-19 ގެ ހާއްސަ ކަވަރޭޖް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ އޮންލައިންކޮށް ކިޔަވައިދިނުމަށް ގައުމީ ސްޓޭންޑަޑެއް އެކުލަވާލުމަކީ މި ހާލަތުގައިވެސް އަދި މިހާލަތުން އަރައިގަންނައިރުގައި ވެސް ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރިކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. ޤައުމީ ސްޓޭންޑަޑެއް އެކުލަވާލެވުމުން މަތީ ތައުލީމު ފޯރުކޮށްދޭ ޔުނިވާސިޓީ އަދި ކޮލެޖްތަކުން އޮންލައިންކޮށް ކިޔަވައިދޭ ކޯސްތަކުގެ ފެންވަރު ކަށަވަރު ކުރެވި މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންނަށް އޮންލައިންކޮށް ލިބިގެންދާ ތައުލީމަކީ ފެންވަރު ރަނގަޅު ވަކި ސްޓޭންޑަޑަކަށް ގިންތި ކުރެވޭ ކޯސްތަކެއް ކަމުގައި ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ބަލިމަޑިކަމުގައި ގޭގައި ތިބެގެން ތައުލީމް ހާސިލް ކުރަން ޖެހިފަިއވާ އިރު، ދަރިވަރުންނަށާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވެފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ދަރިވަރުންނަށް ދިމާވާ ދަތިތަކުގެ ތެރޭގައި ކިޔެވުމަށް އެކަށޭނަ މާހައުލެއް އެކުއްޖަކު ދިރިއުޅޭ ތަނެއްގައި ނެތުމާއި، ކިޔެވުމަށް ބޭނުންވާ ލެޕްޓޮޕް، ނުވަތަ ކޮމްޕިއުޓަރު ފަދަ އާލާތްތައް ނެތުން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އިންޓަނެޓްގެ ޒަރީއާއިން ކިޔަވަމުން ދާއިރު، އެ ހިދުމަތުގެ އަގު ބޮޑުވުމާއި ބައެއްފަހަރު އިންޓަނެޓް ސްޕީޑް ލަސްވުމުގެ ސަބަބުން ދަރިވަރުންނަށް އުނގެނުމުގައި ދިމާވާ ދަތިތައްވެސް މިނިސްޓަރު ފާހަގަކުރެވެއެވެ. ނަމަވެސް މި ހާލަތުގައި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ކިޔެވުމަށް ދަރިވަރުން މިވަނީ ދަސްކުރަންޖެހިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޔުނިވާސިޓީ އަދި ކޮލެޖެތަކަށް ވެސް ދިމާވެފައި މިވާ ކުއްލި ހާލަތުގައި އޮންލައިންކޮށް ކިޔަވައި ދިނުމަގައި ދަތިތަކެއް ހުރިކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ލެކްޗަރާއިން އޮންލައިންކޮށް ކިޔަވައި ދިނުމަށް، އޮންލައިން ކޮށް ކިޔަވައިދޭ ޕްލެޓްފޯމްތަކަށް އަހުލުވެރި ކުރުމާއި ކޯސްތަކުގެ ކިޔަވައި ދިނުމާއި ދަރިވަރުން އެސެސްކުރުމުގެ ކަންތައްތައް ކުރުމަށް ވަނީ ބަދަލުތަކެއް ގެންނަންޖެހިފައި ކަމަށެވެ. އަދި ބައެއް ކޯސްތަކުގައި އަމަލީ ގޮތުން ފުރިހަމަ ކުރަންޖެހޭ ތަމްރީނުތައް މިހާލަތުގައި ކުރިއަށް ގެންދެވެން ނެތުންވެސް އެއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން އޮންލައިންކޮށް ކިޔަވައިދިނުމާ ބެހޭ ގައުމީ ސްޓޭންޑަޑް އެކުލަވާލާނީ މަތީ ތައުލީމުދޭ ޔުނިވާސިޓީ އަދި ކޮލެޖްތަކުގެ އިސްވެރިންގެ މަޝްވަރާއާއި ދަރިވަރުންގެ ހިޔާލު ވެސް ހޯދުމަށްފަހުގައި ކަމަށް މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވިއެވެ.
މިއަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވާނިންގް ބޯޑް ބައްދަލުވުމެއް ބޭއްވި އޮންލައިންކޮށް ކިޔަވައިދުނުމުގެ ގައުމީ ސްޓޭންޑަޑެއް އެކުލަވާލުމާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އަދި ހަޔާ އެޑިޔުކޭޝަންގެ މިނިސްޓަރުގެ އިސް ނެންގެވުމާ އެކު ޔުނިވާސިޓީ އަދި ކޮލެޖްތަކުގެ އިސްވެރިންނާއެކު ކޮވިޑް-19 އަށް ފަހު 'ނިއު ނޯމަލް' ގައި ކިޔަވައިދިނުން ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެއް މިހާރުވެސް ދަނީ ބާއްވަމުންނެވެ.