ކޮވިޑް19 އެހީތެރި ކަމުގެ ބިލް ދެ ފަހަރަށް ހުށަހެޅުއްވުމުން ވެސް މަޖިލީހުން ބިލު ބޭރު ކޮށްލުމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް 6 ބިލެއް ހުށަހަޅުއްވައިފިއެވެ.

ސައީދު މިރޭ ވިދާޅުވީ ކޮވިޑް19 އެހީތެރިކަމުގެ ބިލް ދެ ފަހަރު ބޭރު ކޮށްލުމުން އިތުރު 6 ބިލެއް ހުށަހަޅުއްވާފައި ވާނެ ކަމަށެވެ.

ސައީދު ހުށަހެޅުއްވި ބިލުތައް:

  • އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ކުލި ފަސްކުރުމުގެ ބިލް
  • ދަނޑުވެރިންނަށް ލުއިދިނުމުގެ ބިލް
  • ލޯނުގެ ލުއިގެ ބިލް
  • ޕެންޝަން ފައިސާއަށް އެދޭ ބިލް
  • ގޭ ކުއްޔާއި ބެހޭ ބިލް
  • ޓޫރިޒަމް ކުލީގެ ބިލް

މި ހުރިހާ ބިލަކީ ވެސް މީގެކުރިން ސައީދު މަޖިލީހަށް ހުށަހެޅުއްވި ކޮވިޑް19 އެހީތެރިކަމުގެ ބިލުގައި ބަޔާން ކޮށްފައިވާ ކަންކަމެވެ. ނަމަވެސް ދެ ފަހަރުވެސް ބިލު ހުށަހެޅުއްވުމުން ވެސް މަޖިލީހުން ވަނީ ބިލު ބޭރު ކޮށްލައިފައެވެ. އެ ބިލް ހުށަހެޅުއްވުމުގެ ފުރުސަތު ފުރަތަމަ ނުދިނީ ދައުލަދުގެ ޚަރަދާއި އާމްދަނީއާ ގުޅޭ ކަންތައްތައް އެ ބިލްގައި ހިމެނޭތީ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ބިލު އިސްލާހު ކުރުމަށް ނަޝީދު ވަނީ ސައީދުގެ ކިބައިން އެދިވަޑައިގެންފައެވެ.

އިސްލާހު ކުރުމަށްފަހު ދެވަނަ ފަހަރަށް އަލުން ސައީދު ބިލު ހުށަހެޅުއްވިއެވެ. ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލިސް ގަވާއިދު އޮތް ގޮތުން އެ ބިލަކީ ސައީދަށް ހުށަހެޅުއްވޭނެ ބިލެއް ނޫން ކަމަށެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދައުލަތުގެ އާމްދަނީއާ ގުޅޭ ކަންކަން ހިމެނޭ ބިލްތައް ހުށަހެޅޭނީ ސަރުކާރަށް އެކަންޏެވެ. އެހެންކަމުން ދެވަނަ ފަހަރަށްވެސް ބިލު ކޮށްލީ ބޭރެވެ.

މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު މަޖިލީހަށް ހުށަހެޅުއްވި "ކޮވިޑް-19 ގެ އެހީތެރިކަމުގެ ބިލު" އަކީ، ކުއްޔާ ގުޅުން ހުރި މައްސަލަތަކުގައި ގެއިން ނެރޭ ނަމަ އެކަމަށް ހައްލު ހޯދައިދިނުމަށް ހުށަހެޅުއްވި ބިލެކެވެ. އެ ބިލުގައި ބުނާ ގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޭރުގެ ދަތުރުފަތުރުތައް އަލުން ހުޅުވެން ދެން މާލެ ސަރަހައްދުގައި ހިމެނޭ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅެން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ 50 ޕަސެންޓަށް ވުރެ ބޮޑު ނޫން އަދަދެއް ނުދައްކައިގެން އެ ތަނަކުން މީހަކު ބޭރެއް ނުކުރެވޭނެއެވެ. ނުވަތަ ބޭރު ކޮށްގެން ނުވާނެއެވެ.

އަދި ކޮވިޑްގެ ހާލަތު ނިމި ވެލާނާ އެއާޕޯޓްގެ ބޭރުގެ ދަތުރުފަތުރު އަލުން ފަށާތާ 10 މަސް ދުވަހުގެ ތެރޭގައި ނުދެއްކިފައިވާ 50 ޕަސެންޓްގެ ކުލީގެ ފައިސާ ގޭގެ ވެރިފަރާތަށް ދައްކާ ހަލާސް ކުރަން ވާނެ ކަމަށްވެސް އެ ބިލުގައިވެއެވެ.

ހަމަ އެހެންމެ، ވެލާނާ އެއާޕޯޓުގެ ދަތުރުފަތުރުތައް އަލުން ފެށޭއިރު ދިރިއުޅެން ތަނެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު 10 މަހަށް ވުރެ ކުޑަ ނަމަ ކުލީގެ ބާކީ މުއްދަތުގައި ނުދެއްކި ވާ ކުލީގެ 50 ޕަސެންޓް ފައިސާ ދައްކާ ހަލާސް ކުރަން ވާނެކަމަށްވެސް ބިލުގައި ވެއެވެ.

ސައީދު މިފަހަރު ހުށަހެޅުއްވި ބިލުތަކުގެ ކިޔުން އަދި އެޖެންޑާއެއް ނުކުރެއެވެ.