ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރުމަށް ދެމެހެއްޓެނިވި ޕޮލިސީއެއް ބޭނުންވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމު އަދި އިގްތިސާދު ލޮކްޑައުން ކޮށްގެން ތިބުމުގެ ސަބަބުން މީހުންގެ އާމްދަނީ ގެއްލި، ފަގީރުކަން އާންމުވެ އަދި އިޖްތިމާއީ ވަބާތައް ކުރިމަތިވާ ކަމަށެވެ. އެކަމުގެ ސަބަބުން ކޮވިޑް19 އަށް ވުރެ ގިނަައިން މީހުން ދުނިޔެ ދޫނުކުރާނެތޯ ނާޒިމް ވަނީ ސުވާލު އުފައްދާފައެވެ.

"އުފައްދަން ޖެހޭ ސުވާލަކީ ބައްޔަށް ވެކްސިނެއް ލިބެންދެން ލޮކްޑައުންގައި ތިބޭނީތޯ (މަސްތަކެއް ނުވަތަ އަހަރުތަކެއް) ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އަދި ވަލްނަރަބަލް ގްރޫޕްތަކަށް ހާއްސަ އިސްކަމެެއްދީގެން ގައުމު އަދި އިގްތިސާދު ހުޅުވާލާނީތޯ،"
ނާޒިމް

ނާޒިމް މިފަދައިން ވިދާޅުވެފައި މިވަނީ ނިއު ނޯމަލްގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާ އިގްތިސޯދީ ހަރަކާތްތައް ފެށުމަށް ސަރުކާރުން ތައްޔާރުވެފައި ވަނިކޮށެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓްރީން ވަނީ ނިއު ނޯމަލްގައި ފަތުރުވެރިކަން ހުޅުވާލާ "ސޭފް ޓޫރިޒަމް"ގެ ގައިޑްލައިނެއް އެކުލަވާލައިފައެވެ. އަދި އެ ގައިޑްލައިންގައި އަންނަ މަހު ޕްރައިވެޓު ޖެޓުތަކާއި އަދި ސުޕާ ޔޮޓުތަކުގައި ރާއްޖެ އަންނަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމަށް ވަނީ ނިންމާފައެވެ. ކޮމާޝަލް އެއާލައިންތަކަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ ކަމަށް އެ ގައިޑްލައިންގައި ބުނެފައިވަނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހެވެ. އެ ގައިޑްލައިން އާއި ގުޅޭ ލަފަޔަކަށް އެދި ރައްޔިތުންގެ މަޖިލީހަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ.