ށ އަތޮޅުން ފެށިގެން ފ އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ވަނީ، ށ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެެރެފައެވެ. އެ އިދާރާއިން ޔެލޯ އެލާޓް ނެރެފައި މިއަދު ހަވީރު 5:00 އިން ފެށިގެން މިރޭ 9:00ގެ ނިޔަލަށެވެ.

އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

މެޓް އޮފީހުން ބުނީ، މި ގަޑިތަކުގައި މި ސަރަހައްދަށް އާންމު ވައި ޖެހޭނީ ގަޑިއަކު 25 މޭލާއި، 30 މޭލާއި ދެމެދު ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ، ކަނޑުތައް ގަދަވެ، ބައެއް ރަށްރަށަށް އުދަ އެރުން ވެސް އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން، ހުޅަނގު މޫސުން އައިސްފައިވާއިރު، ރާއްޖެ ކައިރިން ތޫފާނެއް ވެސް ވަނީ އުފެދިފައެވެ. ރާއްޖެއާ ދުރުން އިރުދެކުނު ބޭ އޮފް ބެންގަލޯރުގައި ހުރި ކޮޅިގަނޑުގެ ބާރުގަދަވެ ތޫފާނަކަށް ބަދަލުވެފައިވާއިރު، މި ތޫފާން ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް ކަމަށް ވެސް މެޓް އޮފީހުން ވަނީ މީގެ ކުރިން ލަފާކޮށްފައެވެ. ނަމަވެސް ހުޅަނގު މޫސުން ކުރިއަށް ޖެހެމުންދާ ވަރަކަށް ރާއްޖެއަށް މޫސުމީ ވިއްސާރަ ކުރަމުންދާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.