ޕޮޒިޓިވްވި 17 ދުވަހުގެ ކުއްޖާގެ ދެ ވަނަ ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ އެ ކުއްޖާގެ ދެވަނަ ސާމްޕަލް ނެގެޓިވް ވެފައި ވާތީ ތިން ވަނަ ސާމްޕަލެއް ވެސް ނަގާފައިވާ ކަމަށެވެ.

މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ 17 ދުވަސް ވީ ކުއްޖާ ކޮވިޑަށް ޕޮޒިޓިވް ވީ އޭނާއާ ކޮންޓެކްޓް ވި އެ އާއިލާގެ ޕޮޒިޓިވް މީހެއްގެ ފަރާތުން ކަމަށެވެ.

ކުއްޖާގެ އާއިލައިން އިތުރަށް ބުނެފައި ވަނީ ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި ނިއުބޯން އެއް ކަމަށް ވުމާއެކު ކުޑަކޮށް ވީޒިން ހުރުން ފިޔަވާ އިތުރު އެއްވެސް ކަމެއް ނެތް ކަމަށެވެ.

"20 މަހުގެ ބޭބީގެ ދެ ވަނަ ސާމްޕަލް ވަނީ ނެގެޓިވްްވެފައި. އަދި އެއް ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށް އެބަދޭ."
ޑރ. އަފްޒަލް

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އެންމެ ހަގު ކުއްޖާ އަށް ވިހޭތާ އެންމެ 17 ދުވަސް ކަމަށް އެޗްޕީއޭން ހާމަ ކުރީ މިމަހުގެ 17 ވަނަ ދުވަހެވެ.

ދެން އެންމެ ހަގު ކުއްޖަކަށް ފާހަގަ ވީ ކޮވިޑަށް ޕޮޒިޓިވް ވެ، ޓްރީޓޮޕްގައި ވިހޭ އަންހެނެއްގެ ދަރިފުޅެވެ. އޭނާގެ ދަރިފުޅު ކޮވިޑަށް ނެގެޓިވް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.