އިތުރު 43 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1186 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއަދު އިއުލާން ކުރި މީހުންގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި ބަންގްލަދޭޝްގެ 28 މީހަކާއި އިންޑިއާގެ 4 މީހެއްގެ އިތުރުން ނޭޕާލު މީހަކެވެ.

މިއަދު ޕޮޒިޓިވް ވި މީހުންގެ އެވްރެޖު އުމުރެއް އަދި ކްލަސްޓާއެއް ސާފެއް ނުވެއެވެ. އަދި މިއީ ކަރަންޓީނު ކޮށްފައި ތިބި ނުވަތަ އައިސޮލޭޓް ކޮށްފައި ތިބި މީހުންގެ ސާމްޕަލުން ޕޮޒިޓިވް ވި ބައެއް ކަމެއްވެސް ނޭނގެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިހާރުވެސް އައިސޮލޭޝަންގައި 982 މީހަކު ތިބި އިރު ކަރަންޓީނުގައި 1494 މީހަކު އެބަ ތިއްބެއެވެ.

ކޮވިޑާ ގުޅިގެން އުފައްދާފައިވާ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައި ވަނީ، ގިނަ އަދަދެއްގެ ބަޔަކު ސާމްޕަލް ނުނެގި ތިބި ކަމަށާއި އަދި ސާމްޕަލް ނެގި، ޓެސްޓް ނުކުރެވޭ އެތައް ސާމްޕަލެއްވެސް ހުރި ކަމަށެވެ. އެހެން ކަމުން، ޕޮޒިޓިވް ވަމުން ދަނީ ކޮން ކުރިން ނަގާފައި ހުރި ސާމްޕަލްތަކެއް ކަމެއް ނުވަތަ މުޅިން އަލަށް ފެންނަ ބައެއް ކަމެއް އެޗްޕީއޭއަކުން ނުބުނެއެވެ.

އެޗްޕީއޭގެ ޑޮކްޓާރުންނާއި ކޮންސަލްޓަންޓުން ބުނާ ގޮތުން ކުރިއަށް އޮތް 2 ހަފްތާއަކީ ރާއްޖޭގައި ކޮވިޑް ފެތުރި ޕޮޒިޓިވް ވާ މީހުންގެ އަދަދު އެންމެ މައްޗަށް ދާނެ 2 ހަފްތާއެވެ. އެގޮތުން ފެށޭ ހަފްތާގައި ކޭސްތައް ފެންނަ ނިސްބަތް އިތުރުވެ މަސް ނިމޭ ހަފްތާގެ އެންމެ ފަހު ދެދުވަސް ކަމަށް ވާ 30 އަދި 31 އިން ކުރެ ކޮންމެ ދުވަހެއްގައި 1600 މީހުން ޕޮޒިޓިވް ވާނެއެވެ. އަދި އެ ދުވަސް ތަކުގައި 34 މީހަކު ހޮސްޕިޓަލް ތަކުގައި އެޑްމިޓް ކުރަން ޖެހޭނެ ކަމަށާއި، 12 މީހަކު އައިސީޔޫއަށް ލާން ޖެހޭނެ ކަމަށްވެސް އަންދާޒާ ކޮށްފައި ވެއެވެ. އަދި ޕީކް 14 ދުވަހަށް ދެމިގެން ގޮސްފިނަމަ، 6804 މީހަކު ބަލިވާނެ ކަމަށާއި، 281 މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި 14 ދުވަސް ތެރޭ 101 މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ ކަމަށްވެސް ޑރ. ޝީނާގެ އަންދާޒާ ދައްކައެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިންތިހާއަށް މައްޗައް ދާނެ 2 ހަފްތާ އަންދާޒާ ކޮށްފައި ވާއިރު ރާއްޖޭގައި މިހާރު ދުވާލަކު 995 ޓެސްޓް ހެދޭނެ ކެޕޭސިޓީ އެބަހުއްޓެވެ. އެއީ އޭޑީކޭގައި 500 ޓެސްޓާއި އައިޖީއެމްއެޗްގައި 350 ޓެސްޓާއި ޕޮލިސް ލެބްގައި 145 ޓެސްޓެވެ.