ކޮވިޑް ޖެހި ރާއްޖެއިން ރަނގަޅު ވި މީހުންގެ އަދަދު 86 އަށް އަރައިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއަދު އިއުލާން ކުރި 6 މީހުންގެ ކޭސް ނަންބަރުތައް އަދި ސާފުވާ ގޮތެއް ނުވެއެވެ. ނަމަވެސް ރަނގަޅުވި މީހުންގެ ތެރޭގައި، ދަރުމަވަންތަ ހޮސްޕިޓަކުގެ ޑިއެޗް11 ގައި ވެންޓިލޭޓަރުގައި އޮތް މީހަކު ރަނގަޅުވި ކަމަށް މިރޭ އިއުލާން ކުރިއެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން އެންމެ ގިނައީ ބިދޭސީންނެވެ. އޭގެތެރެއިންވެސް ބަންގްލަދޭޝަށް ނިސްބަތްވާ މީހުންގެ އަދަދު ވަނީ ޕޮޒިޓިވް ވި މީހުންގެ ނިސްބަތުން ދެބައި ކުޅައެއްބަޔަށް ވުރެ މަތީގައެވެ.

މިއަދު ކޮވިޑަށް އިތުރު 37 މީހަކު ޕޮޒިޓިވް ވެސް ވިއެވެ. އެއާއެކު ޖުމްލަ އަދަދު ވަނީ 1143 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 15 ދިވެހިންނާއި ބަންގްލަދޭޝްގެ 19 މީހެއްގެ އިތުރުން އިންޑިއާގެ 3 މީހުންނެވެ.

މިއަދު ޕޮޒިޓިވް ވި މީހުންނަކީ ކޮން ކްލަސްޓާއަކަށް ނިސްބަތްވާ ބައެއް ކަމެއް ނޭނގެއެވެ. ނަމަވެސް މިހާތަނަށް އެޗްޕީއޭއިން ހާމަ ކުރި މައުލޫމާތު ތަކަށް ބަލާއިރު ގިނަ އަދަދެއްގެ ބަޔަކު ޓެސްޓް ނުކުރެވި އަދި ޓެސްޓް ކުރެވުނު މީހުންގެ ތެރެއިން ނަތީޖާ ނުލިބި ވެސް ގިނަ އަދަދެއްގެ ބަޔަކު އެބަ ތިއްބެއެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިންތިހާއަށް މައްޗަށް ގޮސް މިމަހުގެ 30 އަދި 31 ގައި ދުވާލެއްގެ މައްޗަށް 1600 މީހުން ޕޮަޒިޓިވް ވާނެ ކަމަށް އެޗްޕީއޭއިން އޮތީ އަންދާޒާ ކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.