އަންނަ މަހުން ފެށިގެން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަން މަޝްވަރާ ކުރެވެމުން ދާ ކަން ހާމަވެއްޖެއެވެ.
އެމްއޭސީއެލުން މިއަދު ނެރެފައިވާ ސާކިއުލާގައި ވަނީ، އެ ކުންފުންޏަކީ 100 ޕަސެންޓް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާތީ އެ ކުްނފުނީގެ ބައެއް މުވައްޒަފުންގެ މުސާރައާއި އިނާޔަތް އަންނަ މަހުން ފެށިގެން ބަދަލު ގެނައުމަށް ފިނޭސްސް މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.
އެ ކުންފުނިން ބުނީ، މި ފިޔަވަު އަޅަން ނިންމާފައިވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބެމުންދާ ބޮޑު ގެއްލުން ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައަށް ބަދަލުތަކެއް ގެންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފައި ވާތީ ކަމަށެވެ.
ކޮވިޑް-19ގެ ސަބަބުން މިހާތަނަށް އައިއިރު އެމްއޭސީއެލްގެ މުވައްޒަފުންނަށް ލިބޭ މުސާރައާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ކުންފުނިން ބުނީ އެފަދަ ބަދަލެއް ގެނައުމަކީ ވެސް އެ ކުންފުނިން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މިއީ މުޅި ރާއްޖެއަށް ދިމާވެފައިވާ ދަތިކަމަކަށް ވާތީ އެއާޕޯޓްގެ އޮޕަރޭޝަންތައް އިންތިހާއަށް ކުޑަވެފައި ވުމުން މިކަމުގެ ސަބަބުން މާލީ ވަރަށް ބޮޑު ގެއްލުމެއް އެކުންފުންޏަށް ވެސް ކުރަމުންދާ ކަމަށް އެމްއޭސީއެލުން ބުނެއެވެ.
އެމްއޭސީއެލުން ބުނީ، މި ހާލަތުގައު މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް މިކަމުގެ އަސަރު ކުރާވަރު ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި މި މަޝްވަރާތަކަށްފަހު ކަނޑައެޅޭ ނިންމުންތައް ވީ އެންމެ އަވަހަކަށް މުވައްޒަފުންނަށް ހިއްސާ ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން އެމްއޭސީއެލުން ވަނީ މިހާލަތުގައި އެ ކުންފުނީގެ މުވައްޒަފުންގެ ހަރަދުތައް ވީވަރަކުން ކުޑަކުރުމަށާއި، މުސްތަގުބަލުގައި ދިމާވެދާނެ ދަތިތަކަށް ތައްޔާރުވެ ތިބުމަށް އިލްތިމާސް ކޮށްފައި ވާ އިރު އެމްއޭސީއެލް އަކި ކޮވިޑްގެ މިހާލަތުގައިވެސް ފްރަންޓްލައިންގައި މަސައްކަތް ކުރާ ގިނަ މުވައްޒަަފުންތަކެއް އުޅޭ ކުންފުންޏެކެވެ.