ކޮވިޑް-19 އަށް ފަހު ރާއްޖޭގައި ސޭފް ޓޫރިޒަމް ފަށާ ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމުގެ އުސޫލެއްގެ ޑްރާފްޓެއް އެކުލަވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައި ވާ މި އުސޫލުގެ ޑްރާފްޓުގައިވާ ގޮތުން އަންނަ ހުރިހާ ފަތުރުވެރިން ޓެސްޓް ކުރާނެއެވެ. އަދި މަދުވެގެން ތިބެވެނީ 14 ދުވަހެވެ.
މީގެ އިތިރުން އެ އުސޫލުތަކުގައި ބުނެފައިވާ ގޮތުން ޓޫރިސްޓުން ގެނެވޭނީ، ސޭފް ޓޫރިޒަމް ރިސޯޓް ލައިސަންސް ދޫކުރާ ރިސޯޓްތަކަށް އެކަނިއެވެ. ލައިސަންސެއް ނަގަން ޖެހޭ އިރު، ރާއްޖެ ވަނުމުގެ ހުއްދަ ޓޫރިސްޓުންނަށް ދޭނީ، ރާއްޖެ އައުމުގެ ހަތް ދުވަސް ކުރިން ހަދާފައި ވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ނުވަތަ އެންޓި ބޮޑީ ޓެސްޓެއްގެ ނަތީޖާ ދެއްކުމުންނެވެ.
ލައިސަންސަށް އެދޭ ރިސޯޓުތަކުގައި ނަރުހަކާއި ޑޮކްޓަރަކު ހުންނަން ޖެހޭނެ ކަމަށް ބުނެފައި ވާއިރު އެ ލައިސަންސް ދޫކުރާނީ 50،000 ޑޮލަރުގެ ފީއަކަށެވެ.
ޓޫރިސްޓުން އެއާޕޯޓަށް ފައިބާ ތަނުން ޕީސީއާރު ޓެސްޓް ހަދާނެ ކަމަށާއި ރިސޯޓްގެ ކޮޓަރިން ނިކުމެވޭނީ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުން ކަމަށާއި އަދި ރިސޯޓްތަކުގައި ހުންނަން ޖެހޭނީ ސެލްފް-ސާވިސް ޗެކިން އެއް ކަމަށް ވެސް އެ އުސޫލުގައި ބުނެއެވެ.
ރާއްޖެ އައުމުގެ ހުއްދަ ދެވޭނީ އެންމެ މަދުވެގެން 14 ދުވަހުގެ ޗުއްޓީއެއް ބުކްކުރުމުން ކަމަށާއި އެގޮތުން އަންނަ ޖޫންގައި ހުޅުވާލަން ވަނީ ނިންމާފައެވެ. އަދި ޖޫންގައި ހުޅުވާލާނީ ސުޕަ ޔޮޓުތަކާއި ޖެޓުތަކުން އަންނަ ޓޫރިސްޓުންނަށް ކަމަށްވެސް އެ އުސޫލުގައި ބުނެއެވެ.
މީގެ އިތުރުން ކޮމާޝަލް ފްލައިޓުތަކަށް ރާއްޖެ ހުޅުވާލާނީ ޖުލައި މަހު ކަމަށް ބުނެފައި ވާއިރު ކޮންމެ ޓޫރިސްޓެއްގެ އަތުން ވިސާ ފީއަށް 100 ޑޮލަރު ނަގާނެ ކަމަށާއި ޓްރެވަލް އިންޝްއަރެންސް ހަދާފައި އޮންނަން ޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެއެވެ.
މި އާ އުސޫލުތަކާ ގުޅިގެން ސަރުކާރުން މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ބުނެފައި ނުވެއެވެ.