ޝަރީއަތްތައް އޮންލައިން ކޮށް ބޭއްވުމަކީ ބޭނުން ބޮޑު ތާރީހީ ބަދަލެއް ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

އޭޖީ ވިދާޅުވީ، ޝަރީއަތައް އޮންލައިންކޮށް ބޭއްވުމަކީ ބޭނުން ބޮޑު ތާރީހީ ބަދަލެއް ކަމަށާއި، ޓެކްނޮލޮޖީ ބޭނުން ކުރުމުން ހަރަދާއި ވަގުތު ސަލާމަތްވާ ކަމަށެވެ. އަދި ޝަރީއަތް އަވަސްވެ، އިންސާފު ހޯދަން ހިނގަންޖެހޭ ދިގު މަގު ކުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭޖީ ރިފްއަތު ވިދާޅުވީ، ކޯޓުތަކުގެ އަބުއިކަން މާޒީވެ ޝަރީއަތުގެ އަޑާއި މަންޒަރު ދުރާއި ގާތުން ފެނިދެނިވުމުން އިންސާފް ލިބޭކަން އިހުސާސްކުރެވޭނެ ކަމަށެވެ.

އޭޖީ މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށާއި އަދި ޝަރީއަތްތައް ލައިވްކުރަން ނިންމައި، ގަވާއިދު އާންމުކުރުމާއި ގުޅިގެނެނެވެ. އެގޮތުން، ސްޕްރީމް ކޯޓުން ކޯޓުން ނެރުނު ގަވައިދުގައި ވާގޮތުން ކޯޓުން ފޯރުކޮށްދޭ ހިދުމަތަކީ ކޯޓަށް މީހާ ކޮންމެހެން ހާޒިރު ކޮށްގެން ފޯރުކޮށް ދޭން ޖެހޭ ހިދުމަތެއް ކަމުގައި ނުވާނަމަ އެފަދަ ކޮންމެ ހިދުމަތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މުއާމަލާތްތައް ކުރާނީ އީ-މެއިލް، ފޯނު އަދި އެނޫންވެސް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށްގެންނެވެ

މިއަދުން ފެށިގެން މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހިގެންދާނެތީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ދުވަސްތައް ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމުގައި ނުގުނާގޮތަށް އޮތްއޮތުން ނިމުމަކަށް އަންނާނެ ކަމަށްވެސް އެ ކޯޓުން ބުނެއެވެ.

އެގޮތުން، އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، އާންމުކޮށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސުޕްރީމް ކޯޓުގައި މައްސަލަތައް އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނަން ފެށޭނެ ކަމަށާއި އެ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ފޮނުވާނީ [email protected] އީ-މެއިލް އަށް ކަމަށްވެސް ސްޕްރީމް ކޯޓުން ބުނެއެވެ.

އެ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކޯޓުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި، ގަޒިއްޔާ ނިމުނުގޮތުގެ ރިޕޯޓު ފަދަ ލިޔެކިޔުންތައް ފޮނުވަމުންގެންދާނީ އީ-މެއިލް ނުވަތަ އެނޫންވެސް މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށްގެން ކަމަށާއި މައްސަލަ ހުށަހެޅުމާބެހޭގޮތުން އެއްވެސް ކަމެއް އޮޅުން ފިލުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ސުޕްރީމް ކޯޓުގެ ފޯނު ނަންބަރު 3007318 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވޭނެ ކަމަށް އެ ކޯޓުން ބުނެއެވެ.