ޓޭޒަރު ބޭނުން ކުރާނީ ހަމައެކަނި ތަމްރީނު ވެފައިވާ ފުލުހުން ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.
ފައިރޫޝް މިހެން ވިދާޅުވެފައި ވާއިރު، ހަމަނުޖެހުންތަކުގައި ފުލުހުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިލެކްޓްރިކް ޝޮކް ދޭ ހަތިޔާރެއް ބޭނުން ކުރުމަށް ފުލުހުން ވަނީ ތައްޔާރު ވެފައެވެ. ދުނިޔޭގެ އެކި ގައުމު ތަކުގައި އާންމުކޮށް ބޭނުން ކުރާ ކޮންޑަކްޓެޑް އިލެކްޓްރިކް ވެޕަން (ސްމާޓް ޓޭޒާ) އަކީ، ކުރިމަތީގައި ހުންނަ މީހެއްގެ ގަޔަށް އިލެކްޓްރިކް ޝޮކެއް ފޮނުވާލާ ހަތިޔާރެކެވެ.
މިކަމާ ގުޅިގެން ފައިރޫޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްމާޓް ޓޭޒާ ދޭނީ ހަމައެކަނި އެކަމަށް ހާއްސަ ތަމްރީނު ތަކެއް ލިބިފައިވާ ފުލުހުންނަށް ކަމަށެވެ. އަދި ތަމްރީނުގައި، މި ހަތިޔާރުން ތަމްރީނުގައި ބައިވެރިވާ ފުލުހަށް ކަރަންޓު ޝޮކެއްދީ، އެކަމުގެ ތަޖުރިބާ އެ ފުލުހަކަށްވެސް ލިބޭނެ ކަމަށް ފައިރޫޝް ވިދާޅުވިއެވެ.
އެގޮތުން، ފައިރޫޝް ހިއްސާ ކުރައްވާފައިވާ ވީޑިއޯގައި އޭނާއަށް މި ހަތިޔާރުން ކަރަންޓު ޝޮކް ދޭ މަންޒަރު ފެނެއެވެ. އޭނާ ވިދާޅުވީ، މިއީ ހަތިޔާރުން އޭނާއަށް ތިން ވަނަ ފަހަރަށް ޝޮކް ދޭ މަންޒަރު ކަމަށެވެ.
ފުލުހުންނަށް ހަތިޔާރު ނުލިބޭތީ، ކުށުގެ ވެށި އެންމެ އެކަށީގެން ވާ ގޮތެއްގައި ކޮންޓްރޯލް ނުކުރެވޭ ވާހަކަތައް ދައްކާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. އަދި އެ ބާރު ހޯދުމަށް ފުލުހުންގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅާ ފާސްވެސް ކޮށްފައި ވެއެއެވެ.
ފުލުހުންނަށް ހަތިޔާރު ދިނުމާމެދު ގިނަބަޔަކު ސުވާލު އުފައްދާފައި ވަނިކޮށް ސްމާޓް ހަތިޔާރު ބޭނުން ކުރަނީ އެކަމަށް ތަމްރީން ވެފައި ތިބި އޮފިސަރުންކަމަށް ފުލުހުން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.