މާލެއިން ރަށްރަށަށް ދާން ބޭނުންވާ މީހުންގެ ތެރެއިން މަދުވެގެން 1800 މީހުން މިމަހުގެ 24 ކުރިން ކަރަންޓީނަށް ފޮނުވާލާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިއަދު ވިދާޅުވީ ލޮކްޑައުންގެ ހާލަތު މެދުވެރިވި ވަގުތު އެކި ބޭނުންތަކުގައި މާލެ އައިސް ތިބި އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ 830 މީހުން މިހާރު ވަނީ ކަރަންޓީނަށް ފޮނުވިފައި ކަމަށެވެ.

މިމަހުގެ 24 ގެ ކުރިން މަދުވެގެން 1800 ހާ މީހުން ކަރަންޓީނަށް ފޮނުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ލޮކްޑައުންއާ ގުޅިގެން ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މީހުންނަށް އެނބުރި ރަށަށް ދެވޭނެ އިންތިޒާމު ހަމަޖައްސައި، އިސްކަން ދެވޭނެ ގިންތިތައް ސަރުކާރުން ވަނީ އާންމު ކޮށްފައެވެ.

ސަރުކާރުން ބުނެފައިވާ ގޮތުން ރަށަށް ދާން ބޭނުން ވެގެން 5،000 އަށް ވުރެ ގިނަ މީހުން ވަނީ އެދިފައެވެ. އޭގެ ތެރޭގައި ބޭސް ފަރުވާ އަށާއި އެކި ކަންކަމުގައި މާލެ އައިސް އުޅޭ މީހުން ހިމެނޭ ކަމަށްވެސް ސަރުކާރުން ބުނެއެވެ.