ސުޕްރީމް ކޯޓުގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށާއި އަދި ޝަރީއަތްތައް ލައިވްކުރަން ނިންމައި، ގަވާއިދު އާންމުކޮށްފިއެވެ.

ސްޕްރީމް ކޯޓުން ކޯޓުން ނެރުނު ގަވައިދުގައި ވާގޮތުން ކޯޓުން ފޯރުކޮށްދޭ ހިދުމަތަކީ ކޯޓަށް މީހާ ކޮންމެހެން ހާޒިރު ކޮށްގެން ފޯރުކޮށް ދޭން ޖެހޭ ހިދުމަތެއް ކަމުގައި ނުވާނަމަ އެފަދަ ކޮންމެ ހިދުމަތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މުއާމަލާތްތައް ކުރާނީ އީ-މެއިލް، ފޯނު އަދި އެނޫންވެސް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށްގެންނެވެ.

ކޮންމެހެން ކޯޓަށް ހާޒިރުވެގެން ނޫނީ ކުރިއަށް ގެންދެވެންނެތް ޝަރީޢަތްތައް ފިޔަވައި އެނޫން ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޓެލެކޮންފަރެންސިން ވަސީލަތެއް ކަމުގައިވާ "Microsoft Teams" މެދުވެރިކޮށް ކަމަށާއި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކާ ގުޅިގެން ހުށަޅަންބޭނުންވާ ޝަކުވާއެއް އޮތްކަމުގައިވާނަމަ، އީ-މެއިލް މެދުވެރިކޮށް އެ ޝަކުވާއެއް ކޯޓަށް ހުށަހެޅޭނެ ކަމަށްވެސް އެ ކޯޓުން ބުނެއެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ މައްސަލަތަކާއި މައްސަލަތަކާގުޅޭ ލިޔެކިޔުންތައް ކޯޓަށް ހުށަހަޅާނެގޮތާއި، މައްސަލަ ރަޖިސްޓްރީކުރުމުގައި ޢަމަލުކުރެވޭނެގޮތާއި، މައްސަލައާގުޅޭ އިބްތިދާއީ ބައްދަލުވުންތައް ބާއްވައި މައްސަލައިގެ ލިޔެކިޔުންތައް ހަސްމުންގެ މެދުގައި ބަދަލުކޮށް، ލިޔެކިޔުމާއި ބަޔާންތަކުގައި ސޮއިކުރުމުގެ ކަންކަން އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ކުރިއަށްގެންދާނެ ގޮތް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އެ ގޮތުން، ކޮންމެ ފަރާތަކަށްވެސް ފުރަތަމަ ދެވޭނީ 10 މިނެޓުގެ ފުރުސަތެއް ކަމަށާއި އެއަށްފަހު ފަނޑިޔާރުން ކަނޑައަޅާ ގޮތެއްގެމަތީން ފުރުސަތު ދެވޭނެ ކަމަށް ގަވާއިދު ބުނެއެވެ. ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، ސުޕްރީމް ކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ އަޑުއެހުންތައް ޓުވިޓާ ނުވަތަ ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ޝަރީޢަތާގުޅިގެން ފޮނުވަންޖެހޭ ކޯޓު އަމުރު ފޮނުވޭނެގޮތާއި، ޝަރީޢަތުގެ މަޖިލީސްތައް އޮންލައިންކޮށް ކުރިއަށް ގެންދާނެގޮތާއި، މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ދޫކުރުމުގައި އަމަލުކުރެވޭނެގޮތުގެ އިތުރުން، ޝަރީއަތާ ގުޅުންހުރި އެނޫންވެސް މުއާމަލާތްތައް މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށް ގެންދާނެގޮތް އެ ގަވާއިދުގައި ހިމެނެއެވެ.

މިއަދުން ފެށިގެން މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހިގެންދާނެތީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ދުވަސްތައް ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމުގައި ނުގުނާގޮތަށް އޮތްއޮތުން ނިމުމަކަށް އަންނާނެ ކަމަށްވެސް އެ ކޯޓުން ބުނެއެވެ.

އެގޮތުން، އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، އާންމުކޮށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސުޕްރީމް ކޯޓުގައި މައްސަލަތައް އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނަން ފެށޭނެ ކަމަށާއި އެ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ފޮނުވާނީ [email protected] އީ-މެއިލް އަށް ކަމަށްވެސް ސްޕްރީމް ކޯޓުން ބުނެއެވެ.

އެ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކޯޓުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި، ގަޒިއްޔާ ނިމުނުގޮތުގެ ރިޕޯޓު ފަދަ ލިޔެކިޔުންތައް ފޮނުވަމުންގެންދާނީ އީ-މެއިލް ނުވަތަ އެނޫންވެސް މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށްގެން ކަމަށާއި މައްސަލަ ހުށަހެޅުމާބެހޭގޮތުން އެއްވެސް ކަމެއް އޮޅުން ފިލުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ސުޕްރީމް ކޯޓުގެ ފޯނު ނަންބަރު 3007318 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވޭނެ ކަމަށް އެ ކޯޓުން ބުނެއެވެ.