ކޮވިޑް19 އާއި ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ތަކަށް އެކި އިދާރާތަކުން މުޅި ޖުމްލަ 873 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މި ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީ އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންނެވެ. އެގޮތުން އެންޑީއެމްއޭ އިން 581.1 މިލިއަން ހަރަދު ކޮށްފައި ވާއިރު، ހެލްތު މިނިސްޓްރީން ވަނީ 135.7 މިލިއަން ހަރަދު ކޮށްފައެވެ.

ކޮވިޑްގެ ކަންކަމަށް ޑިޒާސްޓާ މެނޭޖްމެންޓް ފަންޑުން 84.1 މިލިއަން ރުފިޔާ އާއި ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން 27 މިލިއަން ރުފިޔާ އަދި ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށްވެސް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާފައިވެއެވެ.

މީގެއިތުރުން ޕްލޭނިން މިނިސްޓްރީން 28 މިލިއަން ރުފިޔާ، އެމްއެންޑީއެފުން 6.4 މިލިއަން ރުފިޔާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ތިން މިލިއަން ރުފިޔާ، ފޮރިން މިނިސްޓްރީން 3.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ފިނޭންސް މިނިސްޓަރު ދާދި ފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ ކޮވިޑް19 އަށް ކުރާ ހަރަދުތަކުގެ 72 ޕަސެންޓު ހަރަދުތައް ކުރަނީ އެސްޓީއޯ އިން ކަމަށެވެ. އަދި ދައުލަތުގެ އިދާރާތަކުން މިކަމުގައި ހަރަދު ކުރާ ގޮތުގެ ފުރިހަމަ އޮޑިޓެއް ކުރުމަށް ފިނޭންސް މިނިސްޓްރީން އޮޑިޓާ ޖެނެރަލް އަށް އަންގާފައިވާނެ ކަމަށްވެސް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.