ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ނިމުމަކަށް ގެނުވާނެ، ވަރުގަދަ ޑްރަގެއް، ޗައިނާގެ ލެބެއްގައި ތަރައްގީ ކުރަމުން އަންނަ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ޗައިނާގެ އެންމެ ޝަރަފުވެރި އެއް ޔުނިވާސިޓީ ކަމަށްވާ ޕީކީންގް ޔުނިވާސިޓީގައި ތަރައްގީ ކުރަމުން އަންނަ މި ޑްރަގްއަކީ ކުރު މުއްދަތެއްގެ ތެރޭގައި ބަލި ފަސޭހަ ކޮށްދޭނެ ބޭހެއް އެކަނި ނޫން ކަމަށާ، މިއީ ކުރު މުއްދަތަކަށް އިމިއުނިޓީ ނުވަތަ ބަލިން ދިފާއުވާނެ ބާރުވެސް ދޭނެ ބޭހެއް ކަމަށް ދިރާސާ ޓީމުން ވަނީ ބުނެފައެވެ.

އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި، ޕީކީންގް ޔުނިވާސިޓީގެ ބެއިޖީންގް އެޑްވާންސްޓް އިނޮވޭޝަން ސެންޓާ ފޮ ޖެނޯމިކްސްގެ ޑައިރެކްޓަރު ސުނޭ ޝީ ވިދާޅުވީ، ޖަނަވާރުތަކުގައި މި ޑްރަގް ޓެސްޓުކޮށްފައި ވާއިރު، ނަތީޖާ ކާމިޔާބު ކަމަށެވެ.

މި ޑްރަގް ތަރައްގީ ކޮށްފައިވަނީ ވައިރަސް ނިއުޓްރަލައިޒް ކޮށްލާ އެންޓިބޮޑީޒް ބޭނުން ކޮށްގެންނެވެ. މި އެންޓިބޮޑީޒްއަކީ އިންސާނާގެ ހަށިގަނޑަށް ވައިރަސް ހަމަލާ ދޭއިރު ދިފާއީ ނިޒާމުން އުފައްދާ އެންޓިބޮޑީޒްއެވެ. ޝީގެ ޓީމުން މި އެންޓީބޮޑީޒް އެކަހެރި ކޮށްފައި ވަނީ، ކޮވިޑް-19 ޖެހި، ޝިފާ ލިބިފައިވާ 60 ޕޭޝަންޓެއްގެ ހަށިގަނޑުން ލޭ ނަގައިގެންނެވެ.

މި ޓީމުގެ ދިރާސާ މިހާރު ވަނީ، ސައެންޓިފިކް ޖާނަލްއެއް ކަމަށްވާ "ސެލް"ގައި ވެސް ޝާއިއު ކޮށްފައެވެ.

ޝީ ވިދާޅުވާ ގޮތުގައި މިއަހަރުގެ ފަހުކޮޅަށް މި ޑްރަގް ލިބޭ ވަރު ވާނެއެވެ. އަދި މިހާރު ކުރިއަށް ދަނީ އިންސާނުންގެ ހަށިގަނޑުގައި ޑްރަގް ޓެސްޓު ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް ކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިއީ ބަލިމަޑުކަމަކަށް ނިމުމެއް ގެންނާނެ ހާއްސަ ބޭހަކަށް ވާނެ ކަމަށްވެސް ޝީ ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ސިއްހަތާ ބެހޭ އޮފިޝަލެއް ހުސްވި ހަފުތާގައި ވިދާޅުވީ، ކޮވިޑް-19 އާ ދެކޮޅަށް އެގައުމުން މިހާރުވެސް 5 ވެކްސިންއެއް އިންސާނުންގެ ހަށިގަނޑުގައި ތަހުލީލު ކުރަމުން ދާކަމަށެވެ. ކަންމިހެން އޮތް އިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ، ވެކްސިންއެއް ތަރައްގީ ކުރުމުގެ މަސައްކަތަށް 12-18 ވަރަކަށް މަސްދުވަސް ހޭދަވެދާނެ ކަމުގެ އިންޒާރު ދީފައެވެ.