ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އަށް އެމެރިކާއިން ފޯރުކޮށް ދެމުންދާ މާލީ އެހީ ދާއިމީ ގޮތެއްގައި މެދުކަނޑާލާ، އެ ޖަމިއްޔާގެ މެމްބަރެއްގެ ގޮތުގައި އެގައުމު ދެމި އޮތުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ޑަބްލިއު.އެޗް.އޯގެ ސެކްރެޓަރީ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސްއަށް ޓްރަމްޕް ފޮނުއްވެވި އިންޒާރުގެ ސިޓީފުޅުގައި، އިންގިލާބީ އިސްލާހީ ބަދަލުތަކެއް ގެނައުމަށް ޑަބްލިއު.އެޗް.އޯއަށް 30 ދުވަހުގެ މުހުލަތެއްވެސް ޓްރަމްޕް ވަނީ އަރުވާފައެވެ. އަދި މި މުއްދަތުގައި މިފަދަ ބަދަލުތަކެއް ގެނައުމަށް އެ ޖަމިއްޔާއިން ފެއިލްވެއްޖެނަމަ އިސްވެ ބަޔާންކޮށްފައިވާ ހަރުކަށި ފިޔަވަޅުތައް ތަންފީޒު ކުރައްވަން މަޖުބޫރުވެދާނެ ކަމުގެ އިންޒާރު، ޓްރަމްޕް ވަނީ ދެއްވާފައެވެ.
ޑރ ޓެޑްރޯޒްއަށް ފޮނުއްވި ސިޓީފުޅުގައި ޓްރަމްޕް ވިދާޅުވީ، ކޮވިޑް-19އަށް އިޖާބަ ދިނުމުގައި ޑަބްލިއު.އެޗް.އޯއިން އެޅި ކަސިޔާރު ފިޔަވަޅުތަކުގެ ސަބަބުން ދުނިޔެއަށް ބޮޑު އަގެއް އަދާ ކުރަންޖެހިފައިވާކަމަށެވެ. އަދި ކުރިއަށް ދެވެން އޮތް ހަމައެކަނި މަގަކީ، ޑަބްލިއު.އެޗް.އޯއަކީ ޗައިނާގެ ކިބައިން މިނިވަންވެފައިވާ ޖަމިއްޔާއެއްކަން ސާބިތުކޮށްދެއްވިގެން އެކަނި ކަމަށްވެސް މި ސިޓީފުޅުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ ޑަބްލިއު.އެޗް.އޯއަށް އިސްލާހީ ބަދަލުތައް ގެންނާނެ ގޮތަކާ ބެހޭ ގޮތުން އެމެރިކާގެ ސަރުކާރުން މިހާރުވެސް އެ ޖަމިއްޔާއާއިއެކު މަޝްވަރާތައް ކުރަމުންދާކަމަށެވެ. ނަމަވެސް މިކަމަށް އަވަސް ފިޔަވަޅުތަކެއް ބޭނުންވާ ކަމަށާ، ބޭކާރު ކުރާނެ ވަގުތުތަކެއް ނެތް ކަމަށްވެސް ޓްރަމްޕްވަނީ ވިދާޅުވެފައެވެ.
ހަރުކަށި ބަސްމަގެއް ބޭނުންކުރައްވާފައި ވާ މި ސިޓީފުޅުގައި ޓްރަމްޕް ވަނީ، ކޮވިޑް-19އަކީ ޗައިނާގެ ވޫހާން ސިޓީގައި މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ނުވަތަ އޭގެ ކުރިންވެސް ފެތުރެމުންދިޔަ ވައިރަހެއްކަން ބަޔާންކުރާ ސައްހަ ރިޕޯޓްތަކަށް ޑަބްލިއު.އެޗް.އޯއިން އަޅާނުލާ ދޫކޮށްލާފައި ވާކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ކޮވިޑް-19އާ ގުޅިގެން ޑަބްލިއު.އެޗް.އޯއިން ތަކުރާރުކޮށް ދައްކަމުންދިޔަ ވާހަކަތަކަކީ ހަގީގަތެއް އެކުލެވިގެން ނުވާ، ސައްހަ ނޫން ވާހަކަތަކެއް ކަމަށާ، އެއީ ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ހުރި ވާހަކަތަކެއް ކަމަށްވެސް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވާފައެވެ.
ކޮވިޑް-19 ޖައްސާ ސާސްކޯވް-2 އަކީ ޗައިނާގެ ލެބެއްގެ އުފެއްދުމެއް ކަމަށް އެންމެ ގަދައަށް ވަކާލާތު ކުރައްވަމުން ގެންދަވާ އެއް ބޭފުޅަކީ ޓްރަމްޕްއެވެ. އަދި ޑަބްލިއު.އެޗް.އޯއަކީ ޗައިނާގެ ޕީއާރް ކުންފުންޏެއްގެ ގޮތުގައި މަސައްކަތްކުރާ ބައެއް ކަމަށާ، ޑަބްލިއު.އެޗް.އޯއިން ހަރަކާތްތެރިވަނީ ޗައިނާގެ ޕަޕެޓެއްގެ ގޮތުގައި ކަމަށްވެސް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވާފައެވެ.