ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ) އާ އެކު މަސައްކަތް ކުރަން ބައެއް މީހުން ޖެހިލުންވާ ކަމަށް އާރްއާރްޓީމްގެ ފަރާތުން ވާހަކަ ދައްކަމުން އަބްދުލް ހަމީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19އާ ބެހޭ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމީދު ވިދާޅުވީ، އާރްއާރްޓީގައި މަސައްކަތް ކުރުމަކީ ރިސްކު އެކުލެވިގެންވާ ބްރޭވް ކަމެއް ކަމަށެވެ. އެގޮތުން އާރްއާރްޓީއަށް މަސައްކަތް ކުރުމަށް ދާ މީހުން މަދުކަމަށާއި، ޓީމާ ގުޅެން ކުރުމަށް މީހުން ޖެހިލުންވާ ކަމަށް އޭނަ ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ އާރްއާރްޓީގެ މެންބަރުން އަބަދުވެސް ތިބެނީ ފުލް ޕީޕީއީގައި ކަމަށާއި، ކޮންމެ ގެއަކަށް ވަނުމަށް ފަހު އެ ޕީޕީއީ ބަދަލު ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ބަލި ހުރެދާނެ މީހަކަށް ހިދުމަތް ދިނުމަށް ފަހު އެ ޕީޕީއީގައި އިތުރު މީހަކަށް ހިދުމަތް ނުދެވޭނެ ކަމަށެވެ.
ހަމީދު ވިދާޅުވީ މިދުވަސްކޮޅަކީ ވިއްސާރަ ދުވަސްކޮޅަކަށް ވުމަކީ ސާމްޕަލް ނެގުމަށް ދިމާވެފައިވާ ވަރަށް ބޮޑު ދަތިކަމެއް ކަމަށެވެ. އެގޮތުން ޕީޕީއީ ތެމުމަކީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި، އެއީ ވަރަށް ބޮޑަށް އިންފެކްޝަނަށް ހުޅު ވާލެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ހަމީދު ވިދާޅުވީ، ސާމްޕަލް ނެގުމުގައި މިހާރުވެސް 400 ސާމްޕަލް ނުނެގި ވާއިރު، 72 ގަޑިއިރުގެ ބެކްލޮގެއްވެސް (ޖަވާބު ދާރީ ނުވެވި ވާ މަސައްކަތްތަައް) ވާ ކަމަށެވެ. އަދި އެ ބެކްލޮގް ސާފު ކުރުމަށް ނުވަތަ ޖަވާބު ދާރީ ވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.