ރާއްޖެއިން އިތުރު 16 މީހަކަށް ކޮވިޑް ޖެހިއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު 1106 އަށް އަރާފައިވާ ކަމަށެވެ. މިއަދު އިތުރު 16 މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

އޭގެ ތެރެއިން 10 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ. މިރޭ ގިނަ ނަތީޖާ ތަކެއް ލިބޭނެ ކަމަށް ވާއިރު އިތުރު ބަޔަކު ޕޮޒިޓިވް ވުމުގެ ފުުރުސަތު އެބައޮތް ކަމަށް މަބުރޫކް ވިދާޅުވިއެވެ.

މިހާތަނަށް 1106 މީހުންނަށް މި ބަލި ޖެހިފައި ވާއިރު، މި ބައްޔަށް ފަރުވާ ހޯދަމުން ދާ 1026 މީހަކު ވެއެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1106 އަށް އަރާފައި ވާއިރު، ރާއްޖެއިން ކޮވިޑް ޖެހި ރަނގަޅުވި މީހުންގެ އަދަދު ވަނީ 74 އަށް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.