މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެ ފެންބޮޑުވެއްޖެއެވެ. އަދި ކޮޅިގަނޑުގައި ކަނޑުގަދަވެ އުދަ އަރަމުންވެސް އެބަ ދެއެވެ.
އެމްއެންޑީއެފުން ބުނީ މާލެ ސިޓީއަށް ބޯކޮށް ވާރޭ ވެހި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވީސުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ.
އެގޮތުން މިރޭ އެސްޓީއޯ ފުށް ގުދަން ސަރަހައްދަުގައި ފެންބޮޑުވުމާ ގުޅިގެން ޕަމްޕް ޖަހައިގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މިވަގުތު އިތުރު ތިން ސަރަހައްދަކުން ފެން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެއީ ދުވާ ޓްރެކް ކައިރިއާއި އައިޖީއެމްއެޗް ކައިރީގެ އިތުރުން ވެސްޓް ޕާކް ކައިރިއެވެ.
މީގެ އިތުރުން މިހާރު ކުރަމުން އަންނަ ވިއްސާރާގައި މާލޭގެ ހުޅަނގު ކޮޅުންނާއި އިރުން އުދައަރަމުން އެބަދެއެވެ.
މާލެއަށް ވިއްސާރަ އާއި އެކު އުދަ އަރަމުންދާއިރު، މެޓް އޮފީހުން މިރޭ ބުނެފައި ވަނީ ބ އަތޮޅުން އައްޑޫ އަތޮޅާ ދެމެދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާ ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލަށް ވައިގަދަވާނެ ކަމަށެވެ. އެގޮތުން ވަނީ ރީންދޫ އެލާޓްވެސް ނެރެފައެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ވެސް ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ހަމައެއާއެކު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.