ބަ އަތޮޅުން އައްޑޫ އަތޮޅަށް މޫސުމާ ބެހެ އިދާރާ މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ބުނީ، ބ އަތޮޅުން އައްޑޫ އަތޮޅާ ދެމެދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާ ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
އެގޮތުން މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 5:00 އިން މިރޭ 10:00 އާ ދެމެދަށް ކަމަށް އެ އިދާރާއިން ބުނެއެވެ.
މީގެއިތުރުންވެސް، މިއަދު މެންދުރުފަހު 2:45 އިން މިރޭ 7:45 އާ ދެމެދަށްވެސް މެތް އޮފީހުން ވަނީ ހއ އިން ބ އަތޮޅަށް ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން މި އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެފައި ވެއެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ވެސް ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ހަމައެއާއެކު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.