ކޮވިޑް-19 އާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް އެއްބާރުލުން ދިނުމުގެ ގޮތުން ކެނެޑާގެ ސަރުކާރުން އެއް މިލިއަން ރުފިޔާގެ އެހީއެއް ރާއްޖެއަށް ދީފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއަދު މެންދުރު ކުރިއަށް ގެންދިޔަ ވާޗުއަލް ރަސްމިއްޔާތެއްގައި ދެގައުމުގެ ދެމުގައި ވަނީ އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފައި ކަމަށެވެ.
އެގޮތުން ކެނެޑާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ އެގައުމުން ރާއްޖެއަށް ހަމަޖައްސަވާފައިވާ ހައި ކޮމިޝަނާ ޑޭވިޑް މެކީނަންއެވެ. އަދި ރާއްޖޭގެ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ކެނެޑާއިންވެސް ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރަމުން ދާ މިދަނޑިވަޅުގައި ރާއްޖެއަށް މިދިން އެހީން އެނގެނީ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ކެނެޑާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮންނަ ކަމުގެ މިސާލެއްކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައި ކޮމިޝަނާ މެކީނަން ވަނީ ދިވެހި ސަރުކާރުން ތަފާތު ކުރުމެއް ނެތި ހާލުގައި ޖެހޭ ހުރިހާ ފަރާތްތަކަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތަށް ތައުރީފް ކުރައްވާފައެވެ.
ކޮވިޑް-19 އާ ގުޅިގެން މަގުމަތިވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޖެންޑާ މިނިސްޓްރީއާ ހަވާލުކޮށްގެން ވަގުތީ ހިޔާ ގާއިމުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން ހާލުގައި ޖެހިފައިވާ 400 ވަރަކަށް ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.