ރަށްރަށުގެ ރައްޔިތުންނަށް ވާވަރަށް އެއް މަސްދުވަހުގެ ކާބޯތަކެތި ރައްކާ ކުރެވިފައި ނެތް 9 ރަށެއް ފާހަަގަ ކުރެވިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެ ކޮމިޝަނުން މިކަން ފާހަގަ ކޮށްފައި ވަނީ އިންސާނީ ހައްގުތަކުގެ ހާލާތު ދެނެގަތުމަށް އެ ކޮމިޝަނުން މި މަހުގެ 1 ވަނަ ދުވަހުން 7 ވަނަ ދުވަހާ ހަމައަށް 27 ރަށު ކައުންސިލަކުން ފޯރުކޮށް ދީފައި ވާ މައުލޫމާތުގެ މައްޗަށް ނެރެފައިވާ ލިޔުމުގައެވެ.

އެޗްއާރްސީ އެމުން ބުނީ، އެކަށީގެންވާ މިންވަރަށް ރަށުން ކާބޯތަކެތި ނުލިބޭ ކަމަށް 2 ރަށަކުން ފާހަގަ ކޮށްފައި ވާ ކަމަށެވެ. އަދި ރަށުގެ ރައްޔިތުންނަށް ވާވަރަށް ރަށުގައި އެއްމަސް ދުވަހުގެ ކާބޯތަކެތި ރައްކާތެރިވެފައި ނެތްކަމަށް 9 ރަށަކުން ފާހަގަ ކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު މި ހާލަތުގައި ކާބޯތަކެތީގެ އަގު އުފުލިފައިވާ ކަމަށް 6 ރަށަަކުން ފާހަގަ ކޮށްފައިވާ ކަމަށް އެޗައާރްސީއެމުން ބުނެއެވެ. އޭގެތެރެއިން ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ވުރެ މަތިން ކާބޯތަކެތީގެ އަގު އުފުލިފައި ވާ ކަމަށް 2 ރަށަކުން ބުނާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން މިހާލަތުގައި ކާބޯތަކެތި ލިބުން ދަތި އާއިލާއެއް އެބަ ހުރިކަމަށް 1 ރަށުން ފާހަގަ ކޮށްފައި ވެއެވެ. އަދި ރަށުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ކާބޯތަކެތި ލިބުން ދަތިކަމަށް 3 ރަށަކުން ފާހަގަ ކޮށްފައި ވެއެވެ.

ކާބޯތަކެތީގެ އިތުރުން ބޯފެން ލިބުމުގެ ދަތިތަކެއް އުޅޭ ބައެއް ރަށްތައް ހުރިކަމަށް ވެސް އެ ކޮމިޝަނުން ނެރުނު ލިޔުމުގައި ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން 4 ރަށެއްގައި ފެން ރައްކާ ކުރެވިފައި ނުވާ ކަމަށާއި، ފިހާރަ ތަކުން ވިއްކަން ހުންނަ ފެނުގެ އަގު އުފުލިފައި ވާކަމަށް 1 ރަށުން ފާހަގަ ކޮށްފައި ވެއެވެ. އަދި ކެއްކުމަށް ބޭނުންވާ ގޭސް ރަށުން ލިބުމުގެ އިންތިޒާމް ހަމަޖެހިފައި ނުވާ 3 ރަށެއްވެސް ފާހަަގަ ކޮށްފައި ވެއެވެ.