ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މި އަހަރުގެ ފިތުރު އީދު ނަމާދު ގޭގައި ތިބެގެން ކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިހާލަތުގައި 1441 ވަނަ އަހަރުގެ ފިތުރު އީދު ނަމާދު ޖަމާއަތުގައި ނުކުރުމަށާއި، ގޭގައި އީދު ނަމާދު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އީދު ނާމާދު ގޭގައި ކުރާ އިރު، ގިނަގިނައިން ތަކުބީރު ކިޔުމަށާއި ދުއާކޮށް ޝަރުއީ ހަމަތަކުގެ މަތިން ރައްކާތެރި ކަމާއެކު ގޭގެ އަހުލުންނާއެކު އީދު އުފާ ފާޅުކުރުމަށް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެފަދަ ހާލަތެއް އައިސްގެން ގޭގައި އީދު ނަމާދު ކުރާނީ މައިދާނުގައި ނުވަތަ މިސްކިތުގައި އީދު ނަމާދު ކުރާ ފަދައިން ކަމަށެވެ. ނަމަވެސް ގޭގައި އީދު ނަމާދު ކުރާއިރު ހުތުބާ ދިނުމެއް ނޯންނާނެ ކަމަށާއި އެއީ އީދު ނަމާދުގެ ހުތުބާ އަކީ ބޮޑު ޖަމާއަތެއްގައި ކިއުމަށް އޮންނަ ސުންތަކަށް ވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެގޮތުން ގޭގައި އީދު ނަމާދު ކުރާ އިރު، އެކަނިވެސް ނަމާދު ކުރެވޭނެ ކަމަށާއި ނަމަވެސް ގޭގެ އަހުލުންނާ އެކީ ޖަމާއަތުގައި ނަމާދުކުރުން އައުލާކަން ބޮޑުކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ގޭގައި އީދު ނަމާދު ކުރާ އިރު އަމަލު ކުރާނެ ގޮތް:

  • އީދު ނަމާދަށް ނިތަޔް ގަނެ ތަކްބީރު ކިޔައި ހަށަން ބަނދެ ދުއާއުލް އިސްތިފްތާހު ކިޔުން
  • ހަށަންބަތް ތަކްބީރު ފިޔަވައި ވިދިވިދިގެން 7 ތަކްބީރު ކިޔުން. ކޮންމެ ތަކްބީރެއްގައިވެސް ދެއަތް ދެކޮނޑާ ހަމައަށް އަތް އުފުލުން.
  • އެއަށްފަހު ފާތިހާ ސޫރަތް ކިޔަވައި ސޫރަތުލް އަޢުލާ ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔުން.
  • އެއަށްފަހު އެހެން ނަމާދު ތަކެކޭވެސް އެއްފަދައިން ފުރަތަމަަ ރަކުއަތް ފުރިހަމަަ ކުރުމަށް ފަހު ދެވަނަ ރަކުއަތަށް ތެދުވުން.
  • ދެވަނަ ރަކުއަތަށް ތެދުވަމުން ކިޔާ ތަކްބީރުގެ އިތުރުން ވިދިވިދި ގެން 5 ތަކްބީރު ކިޔުން. ކޮންމެ ތަކްބީރެއްގައި ވެސް ދެއަތް ދެކޮނޑާ ހަމައަށް ނެގުން.
  • ދެވަނަ ރަކުއަތުގައި ފާތިހާ ސޫރަތް ކިޔަވައި ސޫރަތުން ޣާޝިޔާ ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން.
  • ދެވަނަ ރަކުއަތް ފުރިހަމަކޮށް އައްތަހިޔާތު ކިޔުމަށްފަހު ސަލާމްދިނުން

އިސްލާމިކް މިނިސްޓްރީން ބުނީ، އީދު ނަމާދަކީ ބޮޑު ޖަމާއަތުގައި ގާއިމް ކުރުމަށް އޮންނަ ދީނުގެ މަތިވެރި ޝިއާރެއް ކަމަށް ވީ ނަމަވެސް މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި އާލަމީ ވަބާއިން ރައްކާތެރިވުމަށް އާންމުން އެއްވެ އުޅުން މަނާވެ، މިސްކިތްތަކުގައި ޖަމާއަތް ހުއްޓާލެވި ގޭގައި އެންމެންވެސް މަޑުކުރަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރެވޭ ފަދަ ހާލަަތެއް މެދުވެރިވުމުން ގޭގައި ތިބެ އެ ޝިއާރު ގާއިމު ކުރުމަށް ޝަރުއު ވެގެން ވާ ކަމަށެވެ.

އެގޮތުން ޝަރުއީ އުޒުރެއްގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ފާއިތުވެއްޖެ ނަމަ އަނަސްގެފާނު ގޭގައި އަހުލުންނާ އެކު ޖަމާއަތުގައި އީދު ނަމާދު ކުރައްވާ ކަމަށް ސައްހަ ރިވާޔަތް ތަކުން ވާރިދުވެ އައިސްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިއީ މިހާތަނަށް އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކޮށް ގޭގައި ކުރާ ފުރަތަމަ ފަހަރެވެ. ކޮވިޑް 19 ފެތުރެމުން ދާތީ ރާއްޖޭގައި ޖަމާއަތުގައި މިސްކިތަތަކުގައި ނަމާދުކުރުން ވެސް ވަނީ މެދުކަނޑާލާފައެވެ.