މި ފަހަކަށް އައިސް ކުރިމަތިވި ކޮންމެ ކަމެއްގައިވެސް އެންމެ ރީތި މިސާލެއް ދައްކަމުންދާ އެއް ގައުމަށް ވެފައި އޮތީ ނިއުޒީލަންޑްއެވެ. މިއަދު މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކޮށްލި ކޮރޯނާވާއިރަސް ޑިޒީޒް (ކޮވިޑް-19)އާއިވެސް ނިއުޒީލަންޑްއިން ކުރިމަތިލީ ހަމަ މި ރޫހުގައި ކަމުގެ ނަތީޖާއަކަށްވީ، އެހެން ގައުމުތަކުން ލޮކްޑައުންގެ ހަރުކަށި އަމުރުތައް ތަންފީޒު ކުރަމުންދާ ވަގުތު، ނިއުޒީލަންޑަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭ ގޮތްވުމެވެ.

ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އެޅި ރޭވުންތެރި ފިޔަވަޅުތަކަށް އާންމު ރައްޔިތުން ކުރި އިހުތިރާމާއެކު މިއަދު އެގައުމު އިންތިހާ ދަރަޖައަށް ވަނީ ހުޅުވާލާފައެވެ. ނަމަވެސް ހަރުކަށި ފިޔަވަޅުތަކަކާއެކުގައެވެ. މި ފިޔަވަޅުތަކުން އިސްތިސްނާވާ ހަމަ އެކަކުވެސް ނެތެވެ. ޚުދު، ބޮޑުވަޒީރު ޖެސީންޑާ އެޑާންވެސް މެއެވެ.

ލޮކްޑައުން އަމުރުތަކަށް ލުއިދީ ކެފޭއާއި ރެސްޓޯރަންޓްތައް ހުޅުވުމަށް ޖެސީންޑާ އެޑާންގެ ސަރުކާރުން ހުއްދަ ދިނީ އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް ލާޒިމުކުރުމަށްފަހުގައެވެ. ނަތީޖާއަކަށްވީ، ރެސްޓޯރަންޓުތަކުން އެއް ވަގުތެއްގައި ހިދުމަތް ދެވޭ މީހުންގެ އަދަދު އިންތިހާއަށް ދަށްވެގެން ދިއުމެވެ. ޚުދު ޖެސީންޑާއާއި އޭނާގެ ހަޔާތުގެ ބައިވެރިޔާ ކްލާކް ގޭފޯޑްއަށްވެސް މިކަމުގައި އިސްތިސްނާއެއް ނެތެވެ.

އެޑާންއާއި ގޭފޯޑް ރެސްޓޮރަންޓަކަށް ބުކިންގް ނުހަދާ ދިއުމުން ވަދެވޭ ގޮތް ނުވި ކަމަށް ސޯޝަލް މީޑިއާގައި ވައިރަލްވި ވާހަކަތައް، އެޑާންގެ ބައިވެރިޔާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި އެ 2 މީހުންނަށް ރެސްޓޯރަންޓުން ޖާގައެއް ލިބުނީ، ކަނޑައަލާފައި އޮތް އަދަދަކަށް މީހުން މަދުވުމުންކަންވެސް ފާހަގަކުރަންޖެހެއެވެ.

މިއީ ކޮންމެ ގައުމަކުންވެސް މިސާލަކަށް ބަލަންވީ ކަންކަމެވެ. މަގާމާ، އާރާ، ބާރާއި ނުފޫޒުން މި ބަލިމަޑުކަމުގައި ލިބޭނެ ހިމާޔަތެއް ނެތްއިރު، ކަނޑައަޅާފައިވާ އުސޫލުތަކާ ގަވައިދުތަކަށް ބޯލެނބުމުގައިވެސް މި ތަފާތު އޮވެގެން ނުވާނެއެވެ. ނިއުޒީލަންޑްއިން މިކަމުގައިވެސް މިވަނީ މިސާލު ދައްކާފައެވެ.