ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ މުސްލިމެއް ކަމަށާއި ނަފްރަތުކަން އުފައްދަން ދެއްކި ވާހަކަތައް ތަހްގީގު ކުރުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން ބުނީ ރައީސް ނަޝީދު ކީރިތި ގުރްއާނާއި ރަސޫލާ އާ ގުޅޭ ގޮތުން ދެއްކެވި ކަމަށް ބުނެ ރ. އަނގޮޅިތީމު ޖީޒާ ޢަލީ އިބްރާހީމް ދެއްކި ވާހަކަތައް އެޕާޓީން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

އެޕާޓީގެ އެންމެ އިސް އެއް އަމާޒަކީ އިސްލާމް ދީން ހިމާޔަތް ކުރުން ކަމަށާއި އެ ޕާޓީގެ އަސާސީ ގަވާއިދު ބިނާވެފައި ވާނީ އަދި، އެޕާޓީން ކަނޑައަޅާ އެންމެހައި ސިޔާސަތުތައް އެކުލަވާލާފައި ވާނީ އިސްލާމް ދީން ހިމާޔަތް ކޮށް، އިންސާނީ ގަދަރާއި ކަރާމާތް ރައްކާތެރިކޮށް ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތައް ނެގެހެއްޓުމަށް އެންމެ އިސްކަން ދީގެން ކަމަށެވެ.

އެޕާޓީގެ ރައީސް، ރައީސް ނަޝީދަކީ، ކީރިތި ގުރްއާނާއި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ގެ ރިސާލަތު ފުރިހަމައަށް ގަބޫލު ކުރައްވާ ބޭފުޅެއް ކަމަށާއި އިސްލާމް ދީނުގެ ރިވެތި އުސޫލުތަކާއި އަސާސްތައް މަތީ ދެމި ހުންނެވި މުސްލިމެއް ކަމަށް އެމްޑީޕީން ބުނެފައެވެއެވެ.

އަޅުގަނޑަކީ، ޝަހާދަތުގެ ދެ ކަލިމަ އެއްވެސް ޝައްކުކަމަކާ ނުލައި ހިތުގެ އަޑިން ގަބޫލުކުރާ މީހެއް. ކީރިތި ރަސޫލާގެ ސުންނަތަކީ، އަޅުގަނޑު އެ ސުންނަތުގައިވާ ކަންކަމާ މެދު އިންތިހާއަށް އުފާކުރާ ކަންކަން ހިމެނޭ ސުންނަތެއް
ރައީސް ނަޝީދު

ރައީސް ނަޝީދުގެ ދީނީ ޢަގީދާ އާ ގުޅޭ ގޮތުން އެކިގޮތްގޮތުން ސުވާލު އުފައްދައި ރައްޔިތުންގެ މެދުގައި ރައީސް ނަޝީދާމެދު ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތަކަކީ އެޕާޓީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދައާއި، ރުޅިވެރިކަމާއި ނަފްރަތު އުފައްދައި، ބުހުތާނު ދޮގު ހަދައިގެން ވާހަކަ ދައްކައި ރައްޔިތުންގެ ހިތްތަކުގައި އެޕާޓީގެ ރައީސް، ރައީސް ނަޝީދާ މެދު ރުޅިވެރިކަން އުފެއްދުމަށް ކުރަމުން ގެންދާ ވިޔާނުދާ އަމަލުތައް ހުއްޓާލުމަށް ވަނީ އެމްޑީޕީން ގޮވާލާފައެވެ.

އެމްޑީޕީން ގަބޫލުކުރާ ގޮތުގައި، ރައީސް ނަޝީދާމެދު އެފަދަ ވާހަކަ ދައްކައި، އެވާހަކަތައް ފަތުރައި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ މަގްސަދަކީ، ރައީސް ނަޝީދަށް އަމާޒުކޮށް ޖިސްމާނީ ގޮތުން ހަމާލާދިނުން ކަމަށްވެސް އެމްޑީޕީން ބުނެއެވެ. އެހެންކަމުން އެޕާޓީގެ ރައީސް، ރައީސް ނަޝީދާމެދު އެފަދަ ވާހަކަތައް ދައްކާފައިވާ އަލީ އިބްރާހީމާއި އޭނާގެ ވާހަކަތައް ފެތުރި ފަރާތްތަކުގެ މައްސަލަ ތަހުގީގުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައި މީހަކު އިންޓަވިއުއެއް ދިން މައްސަލައެއް ތަހުގީގުކޮށް ދައުވާ ކޮށްދިނުމަށް އެދި ފުލުހަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ނިންމައިފައެވެ.