ޑޮކިއުމެންޓްސް ނެތި އުޅޭ ބިދޭސީންނަށް މެޑިކަލް ކާޑެއް ދޫކުރަން ފަށާފައިވާ ކަމަށް ކޮވިޑް19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ގިނަ މީހުންނަކީ ލިޔެކިޔުންތަށް ނެތް ބިދޭސީން ކަމަަށެވެ. އެފަދަ މީހުންގެ ޕާސްޕޯޓް ނުވަތަ އައިޑީކާޑް ނުހުންނަ ކަމަށާއި މިއީ ރާއްޖޭގައި ކުރިއްސުރެ ހިންގާފައިވާ ކަމެއް ކަންވެސް މަބްރޫކް ފާހަގަ ކުރެއްވިއެވެ.

ނަމަވެސް އެފަދަ ފަރާތްރަކަށް ސިއްހީ ފަރުވާ ލިބެންޖެހޭ ކަމަށާއި މިވަގުތު އެފަދަ މީހުންގެ މެޑިކަލް ހިސްޓްރީއެއް ޓްރޭސް ކުރެވޭނެ ގޮތެއް ނެތް ކަމަށް ފާހަގަ ކުރައްވާ މަބްރޫކް ވިދާޅުވީ އެފަދަ ކާޑެއް ހެއްދުމުގެ ބޭނުކަމީ ސިއްހީ ފަރުވާ ހޯދައި ދިނުން ކަމަށެވެ. އަދި އެއީ ވަގުތީ ގޮތުން ހަދާ ކާޑެއް ކަމަށާއި އެ ކާޑު ބޭނުން ކުރެވޭނީ މެޑިކަލް ބޭނުން ތަކަށް އެކަނި ކަމަށެވެ.

އެ ކާޑުގައި ކޮންމެ މީހެއްގެ ފޮޓޯ އާއި ނަމުގެ އިތުރުން ޓްރޭސް ކުރެވޭނެ ނަންބަރެއް ޖަހާފައިވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ވޯކް ޕާމިޓް ނުވަތަ ނުގަވައިދުން އުޅޭ ބިދޭސީން އިތުރުވެފައި ވާއިރު، މިހާރު ސަރުކާރުން ދަނީ ޕާސްޕޯޓް އޮންނަ އެހެނިހެން ލިޔެކިޔުންތައް ނޯންނަ ބިދޭސީން އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ.