ރާއްޖެއިން ކޮވިޑް ޖެހި ރަނގަޅުވި މީހުންގެ އަދަދު 74 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލިން ރަނގަޅުވެފައި ވަނީ ހަތަރު އަންހެނުންނާއި 11 ފިރިހެނުން ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ހަތް ދިވެހިންނާއި 8 ބިދޭސީންނެވެ. އެމީހުން ނިސްބަތްވަނީ ބަންގްލަދޭޝްއަށް ކަަމަށެވެ.

އެ 15 މީހުންނާއި އެކު ރާއްޖެއިން ކޮވިޑް ޖެހި ރަނގަޅުވި މީހުންގެ އަދަދު ވަނީ 74 އަށް އަރާފައެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1106 އަށް އަރާފައިވާއިރު، މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.