ކޮވިޑް-19ގެ ނުރައްކަލާ ދުނިޔެއިން ކުރިމަތިލާފައިވާ މިދަނޑިވަޅުގައިވެސް އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، މިނިވަން ދެ ދައުލަތެއްގެ ގޮތުގައި ފަލަސްތީނާ އިސްރާއީލް އޮތުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅޭގޮތަށް އިސްރާއީލުން ހިންގަމުންދާ އަމަލުތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ރާއްޖެއިން މިކަން ކުށްވެރިކޮށްފައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތާއި ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ނަން-އެލައިންޑް މޫވްމަންޓް (ނާމް) އިން ނެރުނު ގަރާރަށް ތާއީދުކުރަމުންނެވެ.

ނާމްގެ ގަރާރުގައި ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ދުނިޔެއިން މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި ވެސް 1967ގެ ބޯޑަރުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް އިސްރާއީލުން މިހާރު ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ފަލަސްތީނިގެ ރައްޔިތުންނަށް އެތައް އަނިޔާތަކެއް ލިބި، އެމީހުންގެ ހައްގުތައް ގެއްލިގެން ދާނެކަމަށެވެ. އަދި އިސްރާއީލުގެ މިއަމަލުތައް ނުހުއްޓައިފިނަމަ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް "ޓޫ ސްޓޭޓް ސޮލިއުޝަން" ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅިގެން ދާނެކަމަށެވެ.

ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން އަޅަމުންދާ ހައުސިންގް ޔުނިޓްތައް/ފޮޓޯ: ގެޓީ އިމޭޖަޒް

ގަދަކަމުން ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގެން އުޅޭ އުޅުން ކުށްވެރި ކޮށް، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފް އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށްވެސް ރާއްޖެ ހިމެނޭ ގޮތަށް ނާމްގެ ގައުމުތަކުން ވަނީ އިސްރާއީލަށް ގޮވާލާފައެވެ. ހަމައެއާއެކު އދގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް އިސްރާއީލުން ބޯނުލަނބާ މައްސަލައިގައި އެގައުމު ޖަވާބުދާރީ ކުރުވަން ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލާ، 1967 ވަނަ އަހަރުގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރު އެޅުމަށްވެސް ނާމް އިން ގޮވާލިއެވެ.

މިކަންތަކަށް ބާރުއެޅުމުގެ ގޮތުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގާ އިސްރާއީލުގެ ވިޔަފާރިތަކާ މުއާމަލާތު ނުކުރުމާއި، ހިފާފައިވާ ބިންތަކުގައި އިސްރާއީލުން އުފައްދާ މުދާ ބައިނަލްއަގްވާމީ ބާޒާރަށް ނެރުނަ ނުދިނުމަށް ނާމް އިން ވަނީ ބާރު އަޅާފައެވެ. ނާމް އިން ވަނީ އދގެ ސަލާމަތީ މަޖިލީހުން، އެމަޖިލީހުގެ ޒިންމާ އަދާކޮށް، ފަލަސްތީނުގެ މައްސަލައިގައި އެމަޖިލީހުން ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒުކޮށް، ފަލަސްތީނުގެ އިތުރު ބިންތަކަށް ވެރިވެގަތުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ގޮވާލާފައެވެ. އަދި އިތުރު ބިންތަކަށް އިސްރާއީލުން ވެރިވެގަތުމަކީ މެދުއިރުމަތީގެ ސުލްހައިގެ އިތުރުން ބައިނަލްއަގްވާމީ ސުލްހައަށް އެޅިގެންދާ ހުރަހެއް ކަމަށްވެސް ނާމްގެ ގައުމުތަކުން ގަބޫލުކުރެއެވެ.

ރާއްޖެއާ ނާމްގެ އެހެން ގައުމުތަކުން ވަނީ ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގެންފައި ވާ ވެރިވެގަތުމަށް ނިމުމެއް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭކަމަށް ގަބޫލުކުރާ ސިޔާސަތު އަނެއްކާވެސް ތަކުރާރު ކޮށްފައެވެ.