23 ފުލުހުން ޕޮޒިޓިވްވެ، 293 ފުލުހުންނާއި ސްޓާފުން އައިސޮލޭޓް ކޮށްފައި ވާ ކަން ހާމަވެއްޖެއެވެ.

މިކަން ހާމަކޮށްފައި ވަނީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ސީޕީ ހަމީދު ވިދާޅުވީ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 23 ފުލުހުންނާ މިއަދު ވާހަކަ ދައްކަވާފައިވާ ކަމަށާއި، އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ސީޕީ ވިދާޅުވީ، މީގެ އިތުރުން 293 ފުލުހުންނާއި ސްޓާފުން ވަނީ އައިސޮލޭޝަންގައި ކަމަށާއި، އެއީ އެކި ގޮތްގޮތުން ޕޮޒިޓިވް ކޭސްތަކާ ކޮންޓެކްޓް ވެފައިވާ ފަރާތްތައް ކަމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވީ ނަމަވެސް، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ފުލުހުން ކުރަމުން ގެންދާނެ ކަމަށެވެ. އަދި މިކަމުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު މަދުވިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން ސީޕީ ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓާކައި މަސައްކަތް ކުރަމުންދާ ހުރިހާ ފަރާތްތަކުގެ މަސައްކަތަށް ތަރުހީބު ދެއްވާފައެވެ.

ޕޮޒިޓިވްވި ފުލުހުންނާ ބެހޭ މައުލޫމާތު ސީޕީ ހާމަ ކުރައްވާފައި ވާއިރު، ނެޝަނަލް އެމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މި މައުލޫމާތު ހާމަ ކުރަނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއްގެ މައުލޫމާތު އެއްކޮށްގެންނެވެ.

ފްރޮންޓްލައިންގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބަޔަކު މި ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު، އެންއީއޯސީން ވަނީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމަކަށް ވާތީ، ކޮވިޑް-19 އަށް ޕޮޒިޓިވްވާ ސިފައިންނާ ފުލުހުންގެ އަދަދުތައް ވަކިވަކިން ހާމަނުކުރާނެ ކަމަށް ބުނެފައެވެ. ފްރޮންޓްލައިން ވޯކާސްގެ ގޮތުގައި ބަލަނީ ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ސަލާމަތީ ހިދުމަތްތަކާއި ޕޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކެވެ.