ސަރުކާރުގެ އެއްވެސް އޮފީހަކަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި މުވައްޒަފުން ވަޒީފާ އަށް ނުނެގުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ސަރުކާރު އޮފީސްތަކަށް ފިނޭންސް މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައި ވަނީ ވަކިވާ މުވައްޒަފުންގެ ބަދަލުގައިވެސް އެ މިނިސްޓްރީގެ ހުއްދަ ނެތި މުވައްޒަފުން ނަގައިގެން ނުވާނެ ކަމަށެވެ. މުސާރަ އާއި އިނާޔަތްތަކުގެ ބޭރުން އޮފީސްތަކުގެ އާންމު ހަރަދުތަކުގެ ތެރެއިން މުވައްޒަފުންނާއި އެހެނިހެން ފަރާތްތަކަށް ހަމަޖައްސާ އެކި "ބެނިފިޓްސް" ފިނޭންސުގެ ހުއްދަ ނެތި ނުދިނުމަށާއި މުއްދަތު އިތުރު ނުކުރުމަށްވެސް އަންގާފައެވެ.

ފިނޭންސް އެފަދައިން އަންގާފައި ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގުތިސޯދު ހީނަރުވެފައި ވާ މިދަނޑިވަޅުގައި އެކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުންނެވެ. މީގެ ކުރިންވެސް ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ނޫން ހަރަދުތައް ނުކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އޮފީސްތަކަށް އަންގާފައެވެ. އެކަމާ ގުޅޭ ގޮތުން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ދައުލަތަށް އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރެވިގެން ދިޔަ ކަމަށް ވިދާޅުވެފައެވެ.

ދައުލަތަށް އެހާބޮޑު ހީނަރުކަމެއް އައިސްފައި ވަނީ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމަށް ބޮޑު ލޮޅުމެއް އައުމުންނެވެ.

އެއްވެސް އޮފީހަކަށް އިތުރު މުަވއްޒަފަކު ނުނެގުމަށް އަންގާފައި ވާއިރު ސަރުކާރު މުވައްޒަފުންގެ މުސާރައަށްވެސް ފިނޭންސުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިހާރު ގެނައި ބަދަލުގައި ކުރިން 80000 ރުފިޔާ ގެއަށް ގެންދިޔަ މީހުންނަށް މިހާރު ގެއަށް ގެންދަން ލިބޭނީ 70000 ރުފިޔާއެވެ.

އަދި 20000 ރުފިޔާއިން ދަށުގެ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައާ ސަރުކާރުން ކުޅެފައެއް ނުވެއެވެ.