ކޮވިޑް-19 އާ ގުޅިގެން އައި ބަދަލާއެކު އާ ހިތްވަރަކާއެކު، ރާއްޖޭގައި ތިބި މީހުން ބިނާކޮށް ތަމްރީނު ދޭ ހުރިހާ ތަންތަން އެކުވެގެން މަސައްކަތް ތަކެއް ކުރަން ޖެހިފައި ވާކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ވިދާޅުވީ، މުޖުތަމައުގައި ތިބި މަސައްކަތް ކުރެވޭ އުމުރުގެ އެންމެންނަކީ މަސައްކަތެއް ކުރާ ބަޔަކަށް ވުމުގެ މުހިންމު ކަމާއި ރިޓަޔާ ކޮށްފައިވާ ސިއްހީ ދާއިރާގެ ބައެއް ފަރާތްތަކަށް ވެސް އިތުރަށް ބޭނުންވާ ތަމްރީނު ދީ އަލުން މަސައްކަތުގެ މާހައުލާ ގުޅުމަށް ފުރުސަތު ފަހިކޮށް ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައި ވަނީ ތައުލީމީ ދާއިރާ އަދި މަތީ ތައުލީމުގެ ދާއިރާގެ އިސްފަރާތް ތަކާއެކު މިއަދު އޮންލައިން ކޮށް ބެއްވި ބައްދަލުވުމުގައެވެ. މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަންއާއި، މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. ޑޮކްޓަރ އައިޝަތު އަލީއާއި، މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރުގެ އިތުރުން ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ އިސްވެރިން، އަދި މަތީތައުލީމާ ގުޅޭ އެހެން ބައެއް އިދާރާތަކުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅު ތަކާއެކު ތައުލީމީ ދާއިރާއާއި މަތީ ތައުލީމުގެ ދާއިރާއަށް ކުރިމަތި ވެފައިވާ ދަތިތަކާ ބޭހޭ ގޮތުންނާއި، މި ހާލަތުގައި އެންމެ ބޮޑަށް އިންސާނީ ވަސީލަތްތައް ބޭނުން ވެފައިވާ ދާއިރާތަކުން މީހުން ތަމްރީނުކުރުން ފަދަ ކަންކަމާ ބެހޭ ގޮތުންނެވެ. އަދި، މިހާލަތުގައި ތައުލީމީ ދާއިރާއާއި މަތީ ތައުލީމުގެ ދާއިރާގެ ކުދިންގެ ކިޔެވުން ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.

މި ބައްދަލުވުމުގައި، މަތީ ތައުލީމާ ގުޅޭ އެކި އިދާރާތަކުގެ އިސްވެރިން ވަނީ އެ އިދާރާ ތަކުން ކުރަމުންދާ މަސައްކަތް ތަކާއި، އަދި، ކަންކަން މިހާރު ކުރިޔަށް ގެންދިއުމަށް ރާވާލެވިފައިވާ ޕްލޭންތަކާއި ބެހޭގޮތުން އަދި، މިކަންކަމުގައި ކުރިމަތިވާ ދަތިތަކާ ބެހޭ ގޮތުން ނައިބު ރައީސް މައުލޫމާތު ހިއްސާ ކުރައްވާފައެވެ.