ކޮވިޑް-91 ރިކަވަރީ ސްކީމް ލޯނު ޕްރޮގްރާމުގެ ދަށުން ލޯނު ނެގުމަށް ބޭންކް އޮފް މޯލްޑިވްސް އަދި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ވިޔަފާރިތައް ކުރީގެ ނިންމުން މުރާޖާ ކުރުމަށް ފަހު އީމެއިލް ކުރުމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ކޮވިޑް-91 ރިކަވަރީ ސްކީމް ލޯނު ޕްރޮގްރާމުގެ ދަށުން ލޯނު ނެގުމަށް ބޭންކް އޮފް މޯލްޑިވްސް އަދި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ވިޔަފާރިތަކުގެ ތެރޭގައި، ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯޕޭ ލީވް ނަގަން މަޖުބޫރުކުރުވާފައިވާ ވިޔަފާރިތައް ހިމެނޭ ކަމަށެވެ.
އެފަދަ ވިޔަފާރިތަކަކީ މި ލޯނަށް ޝަރުތު ފުރިހަމަވާނެ ފަރާތްތަކެއް ނޫން ނަމަވެސް، މި ވިޔަފާރިތަކުގެ މުވައްޒަފުންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމުގެ ބޭނުމުގައި މި ސްކީމުގެ ދަށުން ލޯނު ނެގުމަށް އެޕްލައިކޮށް، ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައި ހުރުމުގެ ސަބަބުން އެޕްލިކޭޝަން ރިޖެކްޓްވެފައިވާ ވިޔަފާރިތަކަށް ލޯނު ހޯދުމަށް އިތުރު ފުރުސަތެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މިގޮތުން، ލޯނު ރިޖެކްޓް ކުރުމަށް ނިންމާފައިވާ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ހުށަހެޅުމުގެ ކުރިން ވިޔަފާރީގެ ފަރާތުން ފުރިހަމަ ކުރަންޖެހޭނެ ކަންކަން ފިނޭންސް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ. އެއީ:
- ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ހުށަހެޅުމުގެ ކުރިން ދިވެހި މުވައްޒަފުންގެ ތެރެއިން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް ވަޒީފާ އަލުން އިއާދަކޮށްދީ، ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ދިވެހި މުވައްޒަފުންގެ މުސާރަ މަދުވެގެން 5000 ރުފިޔާއަށް އިއާދަކޮށްދިނުން.
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޖޮބް ސެންޓަރު ޕޯޓަލްގައި ވަޒީފާގެ ހާލަތު ބަދަލުވުމުގެ ސަބަބުން ރެޖިސްޓާކޮށް މައްސަލަ ހުށަހަޅާފައިވާ މުވައްޒަފެއް ވާނަމަ، 3 ދުވަސް ތެރޭގައި މައްސަލަ އަނބުރާ ނަގައިދިނުމަށް ހުރިހާ މުވައްޒަފުންގެ ކިބައިން އެދުން. އެ ގޮތުން މައްސަލަ ނެގުމަށް މުވައްޒަފުން އީމެއިލް ކުރާނީ [email protected] އަށް
- ނިންމުން މުރާޖައާކޮށް ދިނުމަށް އެދި ހުށަހަޅާއިރު، ވިޔަފާރީގެ ފަރާތުން މިކަމަށް އެދި ހުށަހަޅާ ސިޓީއަކާއި ވިޔަފާރީގެ އަންޑަޓޭކިން ލިޔުމެއް ހުށަހަޅަންޖެހޭނެ. އެގޮތުން، އަންޑަޓޭކިން ލިޔުމުގައި ހިމަނަން ޖެހޭ ބައިތަކަކީ:
- ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރު ކުރުވާފައިވާ ދިވެހި މުވައްޒަފުންގެ ފުރިހަމަ ނަން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު، ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް
- މަތީގައި ބަޔާންކުރެވިފައިވާ ލިސްޓުގައި ހިމެނޭ ކޮންމެ މުވައްޒަފަކާއި މެދު ނެގުނު ފިޔަވަޅު (ވަޒީފާއިން ވަކިކުރުން ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވުން) އަދި ފިޔަވަޅު ނެގުނު ތާރީހު.
- ދިވެހި މުވައްޒަފުންގެ ތެރެއިން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް ވަޒީފާ އަލުން އިއާދަކޮށްދޭން، އަދި ނޯޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ދިވެހި މުވައްޒަފުންގެ މުސާރަ މަދުވެގެން 5000 ރުފިޔާއަށް އިއާދަކޮށްދޭން ވިޔަފާރީގެ ފަރާތުން މުވައްޒަފުންނަށް ހުށަހަޅާފައިވާކަމަށް ވިޔަފާރީގެ ފަރާތުންވާ އިޤުރާރު. މި ހުށަހެޅުންގަބޫލުކޮށްފައިވާ މުވައްޒަފުންނާއި ގަބޫލު ނުކުރާ މުވައްޒަފުންގެ ލިސްޓެއް މި އިޤުރާރާއި އެކު ހިމަނަންވާނެ.
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޖޮބް ސެންޓަރު ޕޯޓަލްގައި ވަޒީފާގެ ހާލަތު ބަދަލުވުމުގެ ސަބަބުންރެޖިސްޓަރކޮށް މައްސަލަ ހުށަހަޅާފައިވާ މުވައްޒަފެއް ވާނަމަ، 3 ދުވަސް ތެރޭގައި މައްސަލަ އަނބުރާ ނަގައިދިނުމަށް ހުރިހާ މުވައްޒަފުންގެ ކިބައިން އެދިފައިވާ ކަމަށް ވިޔަފާރީގެ ފަރާތުންވާ އިގުރާރު.
ބޭންކް އޮފް މޯލްޑިވްސް އަށް އެޕްލިކޭޝަން ހުށަހެޅި ވިޔަފާރިތަކުން ނިންމުން މުރާޖައާ ކުރުމަށްފަހު ލޯނަށް އެދި ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ. ހަމައެއާއެކު އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނަށް އެޕްލިކޭޝަން ހުށަހެޅި ވިޔަފާރިތަކުން ނިންމުން މުރާޖައާ ކުރުމަށްފަހު ލޯނަށް އެދި ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގެ ގޮތުގައި "Apeal request: application number insert application number)" ޖެހުމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ކޮވިޑް-91 އާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ނުވަތަ ވަޒީފާގެ ހާލަތު ބަދަލުވެފައިވާ ހުރިހާ ފަރާތްތަކުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޖޮބް ސެންޓަރު ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅަމުން ގެންދެވުމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.