އެކި ސަބަބުތަކާ ހެދި ބަންދުގެ ހާލަތުގައި ތިބި ހައްޔަރީންނާ ގައިދީންނަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި އެންމެ ނާޒުކު އެއް ގިންތީގައި ހިމެނޭ ބައެއް ކަން ފާހަގަކޮށް، އެފަދަ ފަރާތްތަކުގެ އާންމު ސިއްހީ ދުޅަހެޔޮކަމުގެ ހާލަތު ކަށަވަރު ކޮށްދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް އދގެ އިދާރާތަކުގެ އިސްވެރިން، ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލައްވައިފިއެވެ.
މިކަމަށް ގޮވާލައްވާފައިވަނީ މަސްތުވާތަކެއްޗާ ޖިނާއީ ކުށްތަކާ ބެހޭ އދގެ އިދާރާ (ޔޫއެންއޯޑީސީ)ގެ އިސްވެރިޔާއާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ އިސްވެރިޔާގެ އިތުރުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އދގެ ޖަމިއްޔާ (އޯއެޗްސީއެޗްއާރް)ގެ އިސްޔވެރިޔާ އަދި އެޗްއައިވީ/އެއިޑްސްއާއި ދެކޮޅަށް މަސައްކަތްކުރާ އދގެ އިދާރާ (ޔޫއެންއެއިޑްސް)ގެ އިސްވެރިޔާއެވެ. މި ބޭފުޅުންވަނީ މިކަމަށް ގޮވާލާ ގަރާރެއްގައި ސޮއިވެސް ކުރައްވާފައެވެ.
މި ރޮނގުން އދގެ އެންމެ އިސް ލީޑަރުން ގޮވާލައްވާ، ބާރުއެޅުއްވި ކަންކަމުގެ ތެރޭގައި، ސިއްހަތާ އަދުލު އިންސާފުގެ ނިޒާމު ގުޅުވާލަދޭނެ ކޯޑިނޭޝަން ސިސްޓަމެއް އަދާހަމަކޮށް ގާއިމުކުރުމާ، ޖަލު ބަލަހައްޓާ މުވައްޒަފުންނަށް ބޭނުންވާނެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމާ، މިފަދަ މާހައުލުތަކުގައި އިންސާނީ ހުރިހާ ހައްގެއް ކަށަވަރުވާނެކަން ޔަގީންކޮށްދިނުން ފަދަ ކަންކަން ކުރުން ހިމެނެއެވެ.
މީގެ އިތުރުން ބަންދުކޮށްފައި މީހުން ބައިތިއްބާ ތަންތަން ތޮއްނުޖެހޭނެހެން ބެހެއްޓުމަށާ، ޖިނާއީ ގޮތުން ނުރައްކާތެރި ނޫން ގައިދީން ދޫކޮށްލުމާ، ސިއްހީ ބޮޑެތި މައްސަލަތަކެއް ހުންނަ ގައިދީންނާ ދޮށީ އުމުރުގެ ނުރައްކާ ގިންތީގައި ތިބޭ ގައިދީން ދޫކުރުމަށްވެސް މި ބޭފުޅުން ވަނީ ބާރު އަޅުއްވާފައެވެ.
ސިއްހީ ކުއްލި ނަރައްކަލުގެ ހާލަތުގައިވެސް ހައްޔާރީންނާ ގައިދީންގެ އިތުރުން އެފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބިދޭންޖެހޭ ސަލާމަތާ ރައްކާތެރިކަމާ، އިންސާނީ ކަރާމަތުގެ ގަދަރަށް އުނިކަން އަޔަދީގެން ނުވާނެކަންވެސް އދގެ އިސްވެރިންގެ ޕެނަލުން ވަނީ ގޮވާލައްވާފައެވެ.
އދގެ އިސްވެރިންގެ ޕެނަލުން މިފަދަ ކަމަކަށް ގޮވާލައްވާފައި މިވަނީ އެމެރިކާ ފަދަ ކުރިއަރާފައިވާ ގައުމުތަކުގެ ޖަލުތަކުގައިވެސް ކޮވިޑް-19ގެ ކޭސްތައް ރެކޯޑް މިންވަރަކަށް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން ރާއްޖެއަށް ބަލާއިރު، ދާދިފަހުން ވަނީ ރީހެބިލިޓޭޝަން ސެންޓަރަކުންވެސް ކޮވިޑް-19ގެ ކޭސްތަކެއް ފެނިފައިކަން ފާހަގަކުރަންޖެހެއެވެ.