ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ ނޭޕާލްއިން މީހަކު މަރުވެގެން އެ ގައުމުން ފުރަތަމަ ފަހަރަށް ރިޕޯޓްކޮށްފިއެވެ.

ސިއްހީ ދާއިރާއަށް މީހުން ބިނާ ކުރުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ނޭޕާލްއިން ކޮވިޑް-19ގައި މީހަކު މަރުވިކަން އިއުލާންކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި، އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިންނެވެ.

ނޭޕާލްގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ބަޔާނަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި ކޮވިޑް-19ގައި ނޭޕާލްއިން އެންމެ ފުރަތަމަ މަރުވެފައިވަނީ 29 އަހަރުގެ އަންހެނެކެވެ. އެމީހަކީ ވެރިރަށް ކަތަމަންޑޫއާއި ބޯޑަރު ހިއްސާކުރާ ޑިސްޓްރިކްޓްއަކުން މަރުވި މީހެއް ކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާ އަދި ޗައިނާއާއިވެސް ބޯޑަރު ހިއްސާކުރާ ނޭޕާލްއިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ލޮކްޑައުންގެ ހަރުކަށި އަމުރެއް ތަންފީޒު ކުރަން ފެށީ މާޗް މަހުގެ 24 ވަނަ ދުވަހުއެވެ. ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ރެކޯޑްތަކަށް ބަލާއިރު ނޭޕާލްއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 291 އަށް އަރާފައެވެ.