ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ރާއްޖެއައިސް މިހާރު ހަލުވި ކަމާއެކު މާލޭގައި ފެތުރެމުން ދާއިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އެންމެ ހަގު ކުއްޖާގެ އުމުރަކީ ވިހޭތާ އެންމެ 17 ދުވަސް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތިމަތް ނަޒްލާ ރަފީގް ވިދާޅުވީ 17 ދުވަސް ވެފައިވާ އެ ކުއްޖާ ދެނެގަނެވިފައި ވަނީ އެހެން ކޭސްއެއްގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކަމަށެވެ.

އެ ކުއްޖާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން ކަށަވަރު ކޮށްދީފައި ވާއިރު، އެކުއްޖާގެ މަންމަގެ ސާމްޕަލް ނެގުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ އެ ކުއްޖާ ޕޮޒިޓިވް ވެފައި ވަނީ މާލެއިން ކަމަށެވެ.

އިއްޔެ ޕޮޒިޓިވް ވި ކަމަށް މިއަދު އިއުލާން ކުރި ލިސްޓުގައި މި ކުއްޖާ ހިމެނެނީ ކޭސް ނަންބަރު 1041 ގެ ގޮތުގައެވެ.

17 ދުވަސް ވެފައިވާ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވި އިރު ޓްރީޓޮޕްގައި ވިހޭ މާބަނޑު މީހާގެ މަސް ނުފުރޭ ދަރިފުޅުގެ ޓެސްތްގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު، މި ބަލިން 59 މީހަކު މިހާތަނަށް ވަނީ ރަނގަޅު ވެފައެވެ.

މިއަދުވެސް އިތުރު 24 މީހަކަށް ރާއްޖެއިން ވަނީ ކޮވިޑް ޖެހިފައެވެ. އެއާ އެކު މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1078 އަށް ވަނީ އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.