ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން 80،000 ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުން މީގެފަހުން ގެއަށް ގެންދިއުމަށް ލިބޭނީ 70،000 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް19 އާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންނާއި އެކި ފަރާތްތަކަށް ދައުލަތުން ދޭ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ގެނެސް، ފިނޭންސް އިން ނެރެފައިވާ ސާކިއުލާއެއްގައި ބުނީ އަސާސީ މުސާރައިގެ ގޮތުގައި 60،000 ރުފިޔާ އަށްވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުންގެ އަސާސީ މުސާރައިން 35 ޕަސެންޓު އުނިކޮށްފައިވާ ކަމަށެވެ. އާއްމު ގޮތެއްގައި އެވަރުގެ މުސާރައެއް ލިބެނީ ރައީސްއާ ނާއިބު ރައީސް އަދި ވަޒީރުންގެ އިތުރުން ރައްޔިތުން މަޖިލިސް މެންބަރުންނަށެވެ. މީގެއިތުރުން މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށްވެސް ބޮޑެތި މުސާރަތަކެއް ލިބިގެންދެއެވެ.

ސާކިއުލާގައިވާ ގޮތުގައި އަސާސީ މުސާރައިގެ ގޮތުގައި 80،000 ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުން ގެއަށް ގެންދިއުމަށް ދެން ލިބޭނީ 70،000 ރުފިޔާ ކަމަށެވެ.

އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާ 60،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މުސާރަ ލިބޭ މީހުންނަށް 30 ޕަސެންޓު އުނި ކުރުމަށް ނިންމާފައި ވާއިރު ސާކިއުލާގައި ބުނެފައިވަނީ 25،000 ރުފިޔާއާ 30،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މުސާރަ ލިބޭ މީހުން ގެއަށް ގެންދިއުމަށް ލިބޭނީ 45،000 ރުފިޔާ ކަމަށެވެ. އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާ 40،000 ރުފިޔާއާ ދެމެދު ލިބޭ މުވައްޒަފުން ގެއަށް ގެންދަން ލިބޭނީ 50،000 ރުފިޔާއެވެ.

އަސާސީ މުސާރައިގެ ގޮތުގައި 40،000 ރުފިޔާއާ 50،000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭ މުވައްޒަފުންނަށް ގެއަށް ގެންދަން ލިބޭނީ 55،000 ރުފިޔާ ކަމަށް ސާކިއުލާގައި ބުނެފައިވާއިރު 50،000 ރުފިޔާއާ 60،000 ރުފިޔާއާ ދެމެދުގެ އަސާސީ މުސާރަ ލިބޭ މުވައްޒަފުން ގެއަށް ގެންދިއުމަށް 60،000 ރުފިޔާ ލިބޭނެއެވެ. އަދި އަސާސީ މުސާރައިގެ ގޮތުގައި 60،000 ރުފިޔާއާ 80،000 ރުފިޔާއާ ދެމެދު ލިބޭ މުވައްޒަފުންނަށް ގެއަށް ގެންދިއުމަށް 65،000 ރުފިޔާ ލިބޭނެ ކަމަށް ފިނޭންސްގެ ސާކިއުލާގައިވެއެވެ.

ސާކިއުލާގައިވާ ގޮތުގައި 20،000 ރުފިޔާއަށް ވުރެ ދަށުން އަސާސީ މުސާރަ ލިބޭ އެއްވެސް މުވައްޒަފެއްގެ މުސާރަ އުންޏެއް ނުކުރާނެއެވެ. އަދި 20،000 ރުފިޔާއާ 30،000 ރުފިޔާއާ ދެމެދުގެ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓު އުނިކުރާނެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުގެ މުވައްޒަފުންނާއި، އެޗްޕީއޭގެ މުވައްޒަފުންނާއި، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ މުވައްޒަފުންގެ ތެރެއިން ރައީސް އައްޔަންކުރާ މަގާމުތައް ފިޔަވައި އެހެން މުވައްޒަފުންނާއި ފުލުހުންނާއި ސިފައިންގެ އިތުރުން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހަ ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު އަނދަވަޅަކަށް ވެއްޓިފައި ވާއިރު ހަރަދުތައް ކުޑަކުރަން ސަރުކާރުން މަސައްކަތް ކުރާކަމަށް ވަނީ އިއުލާން ކޮށްފައެވެ. މުސާރައަށް މިގެނައި ބަދަލަކީ އެގޮތުން ކުރި ކަމެކެވެ.