ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި މަސައްކަރް ކުރާ ބައެއް މުވައްޒަފުން ބޭރަށް ނުކުމެފައިވާ ކަމަށާއި ޕޮޒިޓިވްވި މީހާ މާލޭގެ ގެއަކަށް އައިސްފައި ވާ ކަމަށް ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. ނަޒަލާ ވިދާޅުވީ އެ ސެންޓަރުން ފަރުވާ ހޯދަމުން އަންނަ ތިން މީހަކު އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެެރެއިން އެކަކު އެތަނަށް ދިއުމުގެ ކުރިން މާލޭގެ ގެއަކަށް ގޮސްފައިވާ ކަމަށާއި އެގެއިން މިއަދު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ރިހެބުން ޕޮޒިޓިވް ވި މީހާ ޕޮޒިޓިވް ވީ އެގެއިން ކަމަށް ބެލެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެންމެ ފަހުން ރިހެބަށް ކްލައިންޓުން ގޮސްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ކަމަށާއި އެދުވަހު 4 މީހުން ގޮސްފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެތަނުން މީހަކު ހިމެނޭ ކަމަށާއި އެ މީހާއާ ބައްދަލުވި މީހުން މިހާރު ދެނެގަނެވި ފައިވާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެ ސެންޓަރުން މީހުން ނިކުތުން މަނާކޮށްފައި ވީނަމަވެސް އެތަނުގެ މެނޭޖްމަންޓަށް ނޭނގި ބައެއް މުވައްޒަފުން ރަށުތެރެއަށް ގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ހިންމަފުށީގެ އެ ސެންޓަރުން ތިން ޕޮޒިޓިވް ކޭސް ފެނުމާ އެކު ހިއްމަފުއްޓަށް ގޮސް އެ ރަށުގެ އެކި ތަންތަނުން 156 ސާމްޕަލް ނަގައިގެން މިރޭ ގެނެވިފައިވާ ކަމަށާއި އޭގެ ތެރެއިން 37 ސާމްޕަލް ނަގާފައި ވަނީ ރަށު ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.
ހިންމަފުށީގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުން ކޮވިޑް-19އަށް 3 މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް އިއްޔެ ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައި ކަމަށެވެ.